1445 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް ބުނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ "ހައްޖު އޮޕަރޭޝަން 2024" ނަމުގައި، ސަރުކާރުން ހައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، މޭ 30 ވަނަ ދުވަހު ފެށި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި، ހައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން މަސައްކަތްކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ހައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ކުރި އެއްގަމު ދަތުރު ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓުގަައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ.