ކޮޕާ އެމެރިކާގައި މިއަދު ކުޅުނު ގްރޫޕު "ޑީ" ގެ ފުރަތަމަ މެޗުގައި ޕެރެގުއާއީ އަތުން 2-1 އިން މޮޅުވެ ކޮލަމްބިއާ ގްރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އެމެރިކާގެ އެންއާރްޖީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކޮލަމްބިއާގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެ ގޮތުން މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑޭނިއަލް މުންޔޯޒްއެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ޖެފާސަން ލާމާ ވަނީ ލަނޑު ޖަހާ, ކޮލަމްބިއާގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. ޕްރިމިއާ ލީގުގެ ކްލަބެއް ކަމުގައިވާ ކްރިސްޓަލް ޕެލޭސްއަށް ކުޅެމުން އަންނަ ލާމާ ކާމިޔާބު ކުރި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޕެރެގުއާއީ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 69 ވަނަ މިނެޓުގައި ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރައިޓަންއަށް ކުޅެމުން އަންނަ ޒުވާން ތަރި ޖޫލިއޯ އެންސިސޯއެވެ. ކޮލަމްބިއާގެ ލީޑު ކުޑަ ކުރެވުނު ކަމުގައިވިއަސް ޕެރެގުއާއީއަށް އިތުރު ލަނޑެއް ނުޖެހުމުން މެޗު ނިމިގެންދިޔައީ 2-1 އިން ކޮލަމްބިއާ މޮޅުވެގެންނެވެ.
ކޮލަމްބިއާ މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމު ވަނީ ގްރޫޕު "ޑީ" ގެ އެއްވަނައަށް ޖެހިލައިފައެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމުގައިވާ ވަރުގަދަ ބްރެޒިލް އަދި ކޮސްޓާ ރީކާ ބައްދަލު ކުރި މެޗު 0-0 އިން ނިމިގެންދިޔުމާއެކު, ކޮލަމްބިއާ އޮތީ ވަގުތީ ގޮތުން ވަރުގަދަ ބްރެޒިލް ފަހަތަށް ޖައްސާލައި ގްރޫޕުގެ އެއްވަނައިގައެވެ.