އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑު ތަމްރީނު ކުރަން ފަށައިފިއެވެ.

"އެކްސަސައިޒް ބެލެންސް ފްލޭޝް މެޓަލް"ގެ ނަމުގައި މިއަދު މި ތަމްރީން ފެށުމައްޓަކައި ލ.ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުހައްމަދު އިފާޒްއެވެ.

އެމެރިކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ކުރިއަށްގެންދާ މި އެކްސަސައިޒް ކުރިއަށްދާނީ މިއަދުން ފެށިގެން ޖުލައި 19 ވަނަ ދުވަހުގެ ނިޔަލަށް، ލ .އަތޮޅުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައެވެ.

އެގޮތުން މި ތަމްރީނުތަކުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ މެންބަރުންނާއި، މެރިންސް ބައިވެރިވެއެވެ. އަދި އެކްސަސައިޒްގެ މުދައްރިބުންގެ ގޮތުގައި، އެމެރިކާ އަސްކަރިއްޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި އެކްސަސައިޒަކީ، އެމްއެންޑީއެފްގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން، އެމެރިކާ އަސްކަރިއްޔާއާ ގުޅިގެން ސިލްސިލާކޮށް ބާއްވަމުންދާ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެކެވެ.