ކުޅިވަރުގެ ދާއިރާއަށް އަދި ވަކިން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްކޮށްދެއްވައި ގައުމަށް ފަހުރުވެރި ނަން ހޯދައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު އާރިފު ނިޔާވުމާއި ގުޅިގެން އެ މަރްޙޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މީސްމީޑިޔާ މެދުވެރިކުރައްވައި ރައީސް ކުރެއްވި ޕޯސްޓުގައި މުހައްމަދު އާރިފް ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި އާއިލާއަށް ކެތްތެރިކަން ދެއްވައި މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ހެޔޮ ދުއާ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފްވެސް ވަނީ މީސް މީޑިޔާ މެދުވެރިކުރައްވައި މަރްހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.