''ބޮޑުތަކުރުފާނު" ވާހަކައާ ގުޅޭ ގޮތުން ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތެއް ނެރެފިއެވެ.
އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އާ ގުޅޭ ގޮތުން ލިޔެފައިވާ މި ވާހަކައަކީ މިފަހުގެ ތާރީހެއްގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރުނު ފުރަތަމަ ދިވެހި ވާހަކަ ފޮތެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އާމިނަތު ނިޔާޒާ ލިޔެފައިވާ މިފޮތަކީ ތުއްޕުޅު އިރުއްސުރެވެސް އާދަޔާ ހިލާފު ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަވާ އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އަކީ ޕޯޒުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ އަށް މިނިވަންކަން ހޯއްދަވައިދެއްވި ހިތްވަރުގަދަ ބަތަލެވެ.
ޕޯޗުގީޒުންގެ އަޅުވެތި ކަމުގައި 15 އަހަރާއި ހަ މަސް ދުވަސް ވަންދެން ދިވެހިރާއްޖެ އޮތް އޮތުން ސަލާމަތްކޮށްދެއްވި ބަތަލު ބޮޑުތަކުރުފާނުގެ ވާހަކައަކީ މިއަދުގެ ޖީލުގެ ކުދިންނަށް މާބޮޑަށް އެނގޭ ވާހަކަތަކެއް ނޫނެވެ. ހާއްސަކޮށް މިފަދަ ބަތަލުންނާއި ގުޅޭގޮތުން، ކުޑަކުދިންނަށް ހާއްސަ ލިޔުންތައް ފެންނަލެއް މަދެވެ.
މީގެއިތުރުން ބޮޑުތަކުރުފާނު ވާހަކައިގެ އިތުރުން ގައުަމުގެ މިނިވަންކަމަށް ފުރާނައިން ގުރުބާންވި މިފަދަ އެތައް އަބުތާލުންނަކާ ގުޅޭ ވާހަކަތައް ކުޑަކުދިންގެ އުމުރާއި ގުޅޭގޮތައް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ނިޔާޒާ ވިދާޅުވިއެވެ.
އުމުރުން ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަކޮށްފައިވާ މި ފޮތް އަސްރަފީ ބުކްޝޮޕާއި ބުކް ރަން އަދި ތިނަދޫ ބުކްސް އެންޑް ޓޯއީސް އިން މިހާރު ގަންނަން ލިބޭނެ އެވެ.
މިފޮތުގެ ކުރެހުންތައް ކުރަހާދީފައިވަނީ ތުއްތު މުސްލިމްގެ ނަމުގައި ވާހަކަ ލިޔަމުން އަންނަ ފާތިމަތު ޝުއާއު އެވެ. އޮންލައިންކޮށް ބޮޑުތަކުރުފާނު ވާހަކަ ވިއްކަމުން އަންނަނީ "އަލިފްވާވު ޕޭޖް" (Alifvaavu) ންނެވެ.