ރާއްޖޭގެ ރަށެއްގެ ސުކޫލެއްގެ ސަރުދާރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އޭނާގެެ ގެއާ ޖެހިގެން ހުރި ގޭގައި ހަމަ ސަރުދާރު ވަޒީފާ އަދާކުރާ ސުކޫލުގެ ޓީޗަރަކު އުޅެވެ. މި އީ ޕާކިސްތާނު ޓީޗަރެކެވެ. ހެނދުނު މި ދެމީހުން ސުކޫލަށް ދަނީ އެއްގަޑި އަކަށް ކަމަށްވާތީ ކޮންމެ ދުވަހަކުވެސް މަގުމަތިން ދިމާވެއެވެ. އަދި މި ޕާކިސްތާނު ޓީޗަރު ސަރުދާރާ ވަރަށް ވާހަކަ ދައްކައެވެ. ކޮންމެ ދުވަހަކުވެސް ހަމަ ދެމީހުން ބައްދަލުވާއިރަށް އިސްލާމީ ސަލާމުން ސަލާމް ގޮވާލައެވެ. ސަރުދާރުވެސް ސަލާމް ބަލައިގަނެއެވެ.

އައްސަލާމް އަލައިކުމް ގެ އިތުރަށް މި ޓީޗަރު ކިޔާ އެއްވެސް އެއްޗެއް ސަރުދާރަކަށް ނޭންގެއެވެ. ދެން ޓީޗަރު ކިޔާ ކޮންމެ އެއްޗަކަށް އޯކޭ ކިޔަމުން ކޮންމެ ދުވަހަކު ސުކޫލާ ހަމަ އަށް ދެއެވެ. ޓީޗަރު ވާހަކަ ދައްކަނީ އޮރުދޫ ބަހުންނެވެ. ޓީޗަރު ހީކުރަނީ ސުކޫލުގައި އުޅޭ ގިނަ ޓީޗަރުންނަށް އުރުދޫބަސް އެނގޭތީ ސަރުދާރަށް ވެސް މި ބަސް ކޮންމެވެސް ވަރަކަށް އެނގޭނެ ކަމަށެވެ. ހިންދީ އާއި އުރުދޫގައި މާ ބޮޑު ތަފާތެއް ނުހުނާތީއެވެ. ދިވެހިންގެ ތެރޭގައި ހިންދީ ފިލްމު ތަކާއި ޑުރާމާތައް އާންމުވެފައިވާ މިންވަރުންނެވެ.

ސަރުދާރުގެ ގޭގައިވެސް ޓީވީގައި އަބަދުވެސް ހުންނާނީ ހިންދީ ޑުރާމާއެއް ނުވަތަ ފިލްމެއް އަޅުވާފައެވެ. މި ބެލުމަށް ވަރު ހުންނަނީ ސަރުދާރުގެ އަންހެން ދެ ދަރިންނާއި އަނބިމީހާއެވެ. ހަމަ އެކަނި ބަލަނީއެއްނޫނެވެ. ސަރުދާރުގެ ފުރާވަރަށް އަރާފައިވާ ދެ އަންހެން ދަރިން ހިންދީބަހުން ވާހަކަވެސް ދައްކައެވެ.

ސަރުދާރު ހިތަށްއެރިވެ. ޓީޗަރު މިވަރަށް ވާހަކަދައްކާއިރު އަހަރެންވެސް އެއްޗެއް ބުނެފިއްޔާ އޭނާ އުފާވާނެވެ. މިހެން ހިތާ ދަރިން ވާހަކަ ދައްކާ އަޑު އަހައިގެން އެއްޗެއް ބުނަން ދަސްކޮށްފިއެވެ.

އެދުވަހު ހެނދުނު ސުކޫލަށް ދާގަޑިއަށް ސަރުދާރު ތައްޔާރުވެގެން މަގުމައްޗައް ނުކުމެ ހިނގައިގަތް ތަނާ ޓީޗަރާއި ދިމާވެއްޖެއެވެ. ޓީޗަރު ސަލާމް ގޮވާލުމުން ސަރުދާރު ސަލާމް ބަލައިގެންފައި ދަރިން ގާތުން ދަސްކުރި ޖުމުލަ ބުނެފިއެވެ. ޓީޗަރަށް ސަރުދާރުގެ ޖުމުލަ އިވުމާއެކު ސިއްސައިގެން ގޮސް މަގު ގެ އަނެއްފަރާތަށް ހިނގައްޖެއެވެ. އޭގެ ފަހުން ސަރުދާރު ފެނުނަސް މި ޓީޗަރު ފެންނަކަމަށްވެސް ނުހަދާ ސަރުދާރާ ދުރަށް ދެއެވެ. ސްކޫލުން ސަރުދާރު ފެނުނަސް ޓީޗަރު އަވަހަށް ފިލަނީ އެވެ. މިކަމާ ސަރުދާރު ވަރަށް ކަންބޮޑުވެގެން ދެ ދަރިން ގާތު މި ވާހަކަ ދައްކައިފިއެވެ. ސަރުދާރުގެ އަންހެން ދަރިފުޅު ބުންޏެވެ. ބައްޕަ ޓީޗަރު ގާތު ބުނީ ކީކޭހެއްޔެވެ؟ ސަރުދާރު ބުންޏެވެ. ދަރިފުޅުމެން ކިޔާ އަޑު އިވުނު އެއްޗެކެވެ. އަނެއް ދަރިފުޅު ބުންޏެވެ. އަހަރެމެން ކިޔާ ކޮން އެއްޗެއް ހެއްޔެވެ؟ ސަރުދާރު ބުންޏެވެ. "މައި ތުމޭ ޒިންދާ ޖަލާދޫންގީ" ދެ ދަރިން އެއްފަހަރާ ޕަކަޕަކަ އަޅާފައި ހޭން ފެށިއެވެ. ބައްޕަ ތިޔަ ބުނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ތިޔަ ބުނީ އަހަރެން ކަލޭ ދިރި ހުއްޓާ އަންދާލާނަމެވެ. ސަރުދާރު ވަރަށް ދެރަވެގެން އިސްޖަހާލާފައި ބުންޏެވެ. ދަރިފުޅުމެން އެކަހަލަ އެއްޗެއް ކިޔާނެ ކަމަށް ހީކުރާނެ ހެއްޔެވެ؟. ސަރުދާރުގެ ދަރިފުޅު ބުންޏެވެ. އަހަރެމެންގާތު އަހަލާފައި ދިޔަނަމައެވެ. އަހަރެމެން އެހެން ކިޔަނީ މަޖަލަކަށެވެ.