މި އަހަރުގެ ޔޫރޯގައި އެންމެ ފޯރިގަދަކޮށް ދާ އެއް ގްރޫޕު ކަމުގައިވާ ގްރޫޕު "އީ" ގެ ފަހު ދެ މެޗު މިރޭ އޮންނާނެއެވެ.

ފުޓުބޯޅައަކީ ލަފާ ކުރަން އުނދަގޫ ކުޅިވަރެއްކަން މި ގްރޫޕުގެ ނަތިޖާ މިހާތަނަށް އޮތް ގޮތުން ވަރަށް ރަނގަޅަށް ދޭހަ ވެގެންދެއެވެ. ފުޓުބޯޅަ ދުނިޔޭގެ ވަރުގަދަ ބާރެއް ކަމުގައިވާ ބެލްޖިއަމް, ޔޫކްރެއިން, ރޮމޭނިއާ އަދި ސްލޮވޭކިއާ ހިމެނޭ މި ގްރޫޕުގައި, ދެ މެޗަށްފަހު ހުރިހާ ޓީމަކަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

ފީފާ ރޭންކިންސްއިން ބަލާ ނަމަ ބޮޑެތި ތަފާތުތަކެއް މި ޓީމުތަކުގެ މެދުގައި ހުރި ކަމުގައިވިއަސް, ނަތީޖާގެ ގޮތުން ބަލާ އިރު ފަހު މެޗަށް މި ހުރިހާ ޓީމެއް ވެސް މި ނިކުންނަނީ ދާދި އެއް ހަމައެއްގައި އޮވެގެންނެވެ.

ބެލްޖިއަމް އަދި ޔޫކްރެއިން މިރޭ ނިކުންނަ މެޗަށް ބަލާލާއިރު ޔޫކްރެއިންއަކީ މި ގްރޫޕުގައި އެންމެ ނާޒުކު ކޮށް އޮތް ޓީމެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި 3-0 އިން ރޮމޭނިއާ އަތުން ތަފާތު ބޮޑު ކޮށް ބަލިވެފައިވުމުން ޔޫކްރެއިންގެ ގޯލު ޑިފެރެންސް އޮތީ ވަރަށް ދަށުގައެވެ. ބެލްޖިއަމްއަށް މި މެޗުން އެއްވަރުވެގެން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކުރެވުނަސް, ޔޫކްރޭންއަށް އަމިއްލަ ބާރުން ދެވަނަ ބުރަށް ދަތުރު ކުރެވޭނީ މި މެޗުން މޮޅުވެގެންނެވެ.

ޔޫރޯގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ދެ ޓީމު ކަމުގައިވާ ސްލޮވޭކިއާ އަދި ރޮމޭނިއާ ބައްދަލު ކުރާ މެޗަށް ބަލާލާއިރު މި މެޗު އެއްވަރުކޮށްގެން ދެ ޓީމަށް ވެސް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރެވޭނެއެވެ. ބަލިވާ ޓީމަކަށް ދެވަނަ ބުރުން ޖާގަ ލިބުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެއިރު ދެ ޓީމަށް ވެސް މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ވަރަށް މުހިއްމެވެ.

ގްރޫޕު "އީ" ގެ ފަހު ދެ މެޗު ކުޅެވިގެންދާނީ ރާއްޖެ ގަޑިން މިއަދު 21:00 ގައެވެ.