ރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށާއި، މިކަމުން އަރައިގަތުމަށް ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ކޮމެޓީގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝުޖާއު މިފަދައިން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ ގޮތުން މެމްބަރު ޝުޖާއު ވިދާޅުވީ ކީކޭ؟

މެމްބަރު ޝުޖާއު ވިދާޅުވީ އެންމެ ގިނައިން އަޑުއިވޭ ޝަކުވާއަކީ އާސަންދައިގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ ވާހަކަޔާއި ސަބްސިޑީތައް ހައްގުވެރިފަރާތް ނޫން އެހެން ފަރާތްތަކަށް ހަމަޖެހިގެންދާ ވާހަކަ ކަމަށެވެ. "ދިވެހި ދައުލަތުގެ މިއަދުގެ ހާލަތަކީ އަޅުގަނޑުމެންނަކީ ވަރަށް ގިނަ އަދަދަކަށް ބޭކާރު ޚަރަދުކުރާ ބައެއް" ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައި ނުގެން ހުންނަވައި ޝުޖާއު ވިދާޅުވިއެވެ.

މެމްބަރު ޝުޖާއު އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އޮތީ ދައުލަތުގެ ކުންފުނިތައް އިނދަޖައްސާލާފައި ކަމަށެވެ. އަދި މިއަޑިގަނޑުން އަރައި ގަތުމަށް މިސަރުކާރަށް ކުރަން ޖެހިފައި އޮތީ އާދައިގެ މަސައްކަތެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ވެރިކަމުގައި ތިބޭއިރު އަބަދު ކުރެވޭނީ ރަނގަޅު ކަންކަމެއް ނޫން. އެފަދަ ހާލަތެއްގައި ގޯސްކަންކަން ބަލައި ރައްޔިތުން ކިބައިން މައާފަށް އެދި އަޅުގަނޑުމެން އެކަމެއް ރަނގަޅު ކުރާނަން. ރައީސް ޑޮކްޓަރ މުއިއްޒުގެ ސިޔާސަތަކީ އެއީ" ޝުޖާއު ވިދާޅުވިއެވެ.

"ބޭރުގެ މާލީ އިދާރާތަކުން އިރުޝާދު ދެނީ އަޅުގަނޑުމެން ދަރަނި ކުޑަކޮށްގެން މަޝްރޫއުތައް ހިންގަން. އަޅުގަނޑުމެންގެ މާލީ ހާލަތު މިހުރީ ރަނގަޅަކަށް ނޫން. މާލީ އިދާރާތަކުން އުފާވާނީ އެބޭފުޅުން އެދިފައިވާ ގޮތަށް ދަރަނި ކުޑަކޮށްގެން އަޅުގަނޑުމެން މަޝްރޫޢުތައް ހިންގީމަ" ޝުޖާއު ވިދާޅުވިއެވެ.