ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2ގައެވެ.

ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މިމަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްގީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީކުރެވޭނެއެވެ. އޭގެތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީކުރާނެއެވެ.

މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްޤީކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.