ދިވެހިރާއްޖޭގެ މައި އެއަރޕޯޓު އިތުރަށް ތަރައްގީކޮށް، ހިދުމަތް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގައި ފަޔަރ އެންޑް ރެސްކިޔުގެ ޤާބިލުކަން އިތުރުކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީއާ، އެންމެ އިތުބާރުހުރި ވަސީލަތްތައް ގާއިމުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަޔަރ ސްޓޭޝަން ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަމުގައި ފާހަގަކުރައްވައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގައި އެއަރޕޯޓްގެ ފަޔަރ އެންޑް ރެސްކިއުގެ ހިދުމަތުގެ ދައުރު ވަރަށް ބޮޑުކަމުގައި ވިދާޅުވިއެވެ. އަދި އެއީ ރާއްޖެއަށް އަންނަ ބޭރުގެ ފްލައިޓްތައް އިތުރުވުމާ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރީން ގިނަވުމުގައި، އެއަރޕޯޓުގެ ސަލާމަތީ ކަންކަމަށް އޮންނަ އިތުބާރު މުހިންމު ދައުރެއް އަދާކުރާތީކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެހިދުމަތްތެރިން އެކަމުގައި ސާބިތުކަމާ އެކު ދެމިތިއްބެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަޔަރ އެންޑް ރެސްކިޔުގެ ހިދުމަތުގައި 31 އަހަރު ހޭދަކުރެއްވި މި ހިދުމަތުގެ ބާނީއެއްކަމަށްވާ އަލްމަރުހޫމް އަޙްމަދު ފަޔާޒުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ. އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ހިދުމަތް ދިވެހިރާއްޖޭގައި ފުޅާކުރުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ.

އެގޮތުން މިއަދު އެމަނިކުފާނު ހުޅުއްވައިދެއްވި ފަޔަރ އެންޑް ރެސްކިޔުގެ އައު ސްޓޭޝަން ތަރައްގީކުރުމުގައިވެސް އިސްދައުރެއް އަލްމަރުހޫމް އަހުމަދު ފަޔާޒު އަދާކުރެއްވިއެވެ. އަދި އަލްމަރުހޫމް އަޙްމަދު ފަޔާޒަކީ ފަޔަރ އެންޑް ރެސްކިޔުގެ ހިދުމަތަށް މީހުން ތަމްރީނުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ.