ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަދި ހާއްސަކޮށް ރިކަރަންޓް ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރައްވާފައި ވަނީ މީސްމީޑިޔާގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތައް މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.

އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އަދި މީގެއިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.