ކިޑްނީގެ ކެންސަރު ޖެހެނީ އެއް ކިޑްނީގައި ނުވަތަ ދެ ކިޑްނީގައި ހުންނަ ސިއްހަތު ރަނގަޅު ސެލްތައް އާދަޔާ ހިލާފަށް ބޮޑުވެ، ކެންސަރު ޓިއުމަރެއް އުފެދުމުންނެވެ. މި ބާވަތުގެ ކެންސަރު އާންމުކޮށް ޖެހެނީ ބޮޑެތި މީހުންނަށެވެ. އަދި ކިޑްނީ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ރީނަލް ސެލް ކާސިނޯމާއެވެ.

ހުރިހާ ޓިއުމަރަކީ ކެންސަރު ބައްޔެއް ނޫނެވެ. ބައެއް ޓިއުމަރަކީ ނުރަކަލެއް ނުހުންނަ "ބަނައިން" ޓިއުމަރުކަން ފާހަގަ ކޮއްލުންވެސް މުހިންމެވެ.

ކިޑްނީއަކީ ލޭ ފިލްޓަރކޮށް، ޔޫރިން ނުވަތަ ކުޑަކަމުދާ ތަކެތި މެދުވެރިކޮށް ހަށިގަނޑުގައި ބޭނުންނެތް މާއްދާތައް ނައްތާލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ޓިއުމަރެއް އުފެދިއްޖެނަމަ، މި މަސައްކަތަށް ބުރޫ އަރާ، ފެތުރުމުގެ ފުރުސަތު ބޮޑުވެ، ޕްރޮފެޝަނަލް ސިއްހީ ފަރުވާ ބޭނުންވާނެއެވެ.

ކިޑްނީގެ ކެންސަރުގެ އަލާމާތްތައް:

ކިޑްނީގެ ޓިއުމަރުތަކުގެ ސަބަބުން ގިނަ ފަހަރަށް ރިހުމެއް ނުވަތަ އަލާމާތްތައް އެ ޓިއުމަރު ކުޑައިރު ނުފެނުނު ނަމަވެސް އާންމުކޮށް ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

• ކުޑަކަމުދާ ތަކެތީގައި ލޭ ހުރުން

• ހަށިގަނޑުގެ އެއްފަރާތުގައި، ބަނޑުގައި ނުވަތަ ބުރަކަށީގައި އަބަދު ރިއްސުން

• އުނަގަނޑުގައި "ލަންޕް" އުފެދުން

• ކާހިތް ކެނޑި، ބަރުދަން ވަރަށް ބޮޑަށް ލުއިވުން

• އެނީމިއާ އާއި ވަރުބަލިވުން

ސަބަބުތަކާއި ރިސްކް ފެކްޓާތައް:

ކިޑްނީގެ ކެންސަރު ޖެހޭ ސީދާ ސަބަބު ދެނެގަންނަން އުނދަގޫ ނަމަވެސް، ބައެއް ރިސްކް ފެކްޓާތަކުގެ ސަބަބުން ކިޑްނީ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މިސާލަކަށް:

• ދުންފަތުގެ އިސްތިއުމާލު ކުރުން

• އޮބެސިޓީ

• ކްރޮނިކް ހައި ބްލަޑް ޕްރެޝަރު

• ވޮން ހިޕެލް-ލިންޑާއު ސިންޑްރޯމް އަދި ޓިއުބަރަސް ސްކްލެރޯސިސް ފަދަ ޖެނެޓިކް ނުވަތަ މައިން ބަފައިންގެ ފަރާތުން ވާރުތަވާ ބަލިތަށް

• ކިޑްނީގެ ކެންސަރުގެ ޢާއިލީ ތާރީޚެއް އޮތުން

ޑައިގްނޯސިސް އާއި ފަރުވާ:

ކިޑްނީގެ ކެންސަރުގެ އަލާމާތްތައް މަދުވުމާއި ފިޒިކަލް ޓެސްޓުތަކުން ނުވަތަ ލޭގެ ޓެސްޓުތަކުން ނުފެންނަ ކަމަށްވާތީ ކިޑްނީގެ ކެންސަރު ދެނެގަނެ ޑައިގްނޯސްކުރުމަކީ އުނދަގޫ ކަމެކެވެ. ރޫޓިން ޗެކަޕެއްގެ ތެރެއިން ޝައްކު ކުރެވޭ ނަމަ އަލްޓްރާ ސައުންޑް، ޔޫރިން ޓެސްޓް، ސީޓީ ސްކޭން، އެމްއާރްއައި، ބްލަޑް ކެމިސްޓްރީ ސްޓަޑީޒް އަދި ބައެއް ފަހަރު ބަޔޮޕްސީ ފަދަ ތަފާތު ޓެސްޓުތައް ޑޮކްޓަރުންނަށް ހަދައެވެ.

ކެންސަރު ކަށަވަރުވުމުން ކެންސަރު ސްޓޭޖް ކުރަނީ ޓިއުމަރު ސައިޒް (ޓީ) އަށް ބެލުމަށްފަހު ހަށިގަނޑުގެ އެހެން ތަންތަނަށް ފެތުރިފައިވާ މިންވަރު (އެމް) އަދި ލިމްފް ނޯޑް އިންވޯލްމަންޓް (އެން) އަށް ބަލައިގެންނެވެ. ކެންސަރުގެ ސްޓޭޖް (1-4) އިން ފަރުވާ ކުރިއަށްގެންދަންވީ ގޮތް ދެނެގަތުމުގައި އެހީތެރިވެދޭ އިރު، ފަރުވާތަކު ތެރޭގައި އެކްޓިވް ސަވައިލަންސް، ސާޖަރީ، ޓާގެޓެޑް ތެރަޕީ، ކީމޯތެރަޕީ ނުވަތަ ރޭޑިއޭޝަން ފަދަ އަލާމާތްތައް ފިލުވައިދީ، ކޮންޓްރޯލްކުރާ ފަރުވާތައް ހިމެނެއެވެ.

މިކަންކަން ދެނެގަތުމަކީ ކިޑްނީގެ ކެންސަރު އަވަހަށް ދެނެގަނެ، ހަރުދަނާ ގޮތެއްގައި ފަރުވާ ދިނުމަށް މަގުފަހިކޮށްދޭނެ ކަންކަމެވެ.

މައުލޫމާތު:

https://www.nuhospitals.com/blog/what-is-kidney-cancer/