ގދ. ގައްދޫގައި އެ ރަށު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ "ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ މުބާރާތަކީ ގައްދޫގެ ކައުންސިލުން ވިދިވިދިގެން ކުރިއަށް ގެންދާ ތިންވަނަ ފުޓްސަލް މުބާރާތް ކަމަށް ވާތީ, މި މުބާރާތަކީ މިހާތަނަށް ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފައިސާގެ އިނާމުތައް ހުށައެޅިފައިވާ މުބާރާތަށް ހެދުމަށް އެ ރަށުގެ ކައުންސިލުން ވަނީ ނިންމާފައެވެ.

ކުރީ އަހަރުތަކާ ހިލާފަށް މި އަހަރުގެ މުބާރާތް ކުރިއަށް ދަނީ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ, ފިރިހެން ޑިވިޝަނާއި, އަންހެން ޑިވިޝަނާއި ޖޫނިއާ ޑިވިޝަނެވެ. ފިރިހެން ޑިވިޝަނަކީ 18 އަހަރުން މަތީގެ ފިރިހެން ބޭފުޅުންނަށް ހާއްސަ ޑިވިޝަނަށްވާ އިރު, އަންހެން ޑިވިޝަނަކީ 13 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް ހާއްސަ ޑިވިޝަނެކެވެ. ޖޫނިއާ ޑިވިޝަނަކީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ހާއްސަ ކުރެވިފައިވާ ޑިވިޝަނެވެ.

މި އަހަރުގެ މުބާރާތް ފެށުމަށް ތާވަލު ކޮށްފައިވަނީ 25 އޮކްޓޯބަރުގައެވެ. ނަމަވެސް މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 31 ޖުލައި ވާ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު, ކައުންސިލަށް ހުށައެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ގައްދޫ ކައުންސިލުން ހާމަކުރާ ގޮތުގައި އެ ކައުންސިލުގެ އަމާޒަކީ މި މުބާރާތަކީ ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި މިހާތަނަށް ބާއްވާ އެންމެ ފެންވަރު ރަނގަޅު, އަދި އެންމެ ފުރިހަމަކޮށް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތަށް މި މުބާރާތް ހެދުމެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 9111005 ނުވަތަ 7601051 އަށް ގުޅުއްވުމަށް ގައްދޫ ކައުންސިލުން ވަނީ އެދިވަޑައިގަންފައެވެ.