ބާވެ ވެއްޓެން ކައިރިވެފައިވީ ގޭގެ ވަށާ ފާރުގެ މަތީގައި އިށީނދެގެން އިން އަޒިކިޔަލްގެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ. އިރުއިރުކޮޅާ އަތުކުރީ އޮތް ކަޅު ކުލައިގެ ގަޑިއަށް ނަޒަރެއް ދެމުން މަގުގެ ދެކޮޅަށް ކަޅި އެއްލަމުން ދިޔަ ގޮތުން ކަމަކަށް އިންތިޒާރުކުރާ ފަދައެވެ. ފަތިހުގެ ހަމަހިމޭންކަން ނެތި ކާޅާއި ކޮވެލީގެ އަޑު ގަދަވެ, ފަޒާގައިވި ދުންފިނީގެ އަސަރުތައް ކެނޑި އުޑުމަތި ރަންގުވަމުންދިޔަ އެ ވަގުތު އަޒިކިޔަލްގެ ހިތް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އެ ދަނީ އާދައިގެ މަތިން އޭނާގެ ހިތަށް ފިނިކަން ލިއްބައިދޭ ކުޑަކުޑަ ފުރާނަ ފެންނާނެ ހިނދަކަށެވެ.
މާ ގިނަ އިރެއް ނުވެއެވެ. ތުއްތު ސަކަ ހިނިގަނޑެއްގެ އަޑާއެކު ބާރު ދުވުމެއްގައި އައިސް އަޒިކިޔަލްގެ ފައިގައި އޮޅުލައިގަތް ކުޑަ ފިރިހެން ކުއްޖާ ފެނި އަޒިކިޔަލްގެ ހިނިތުންވުން ފުޅާ ވެއްޖެއެވެ. އައިލެއް ބާރުކަމުން ހިތަށް ލިބުނު ސިހުން ފިލުވާލަމުން އަޒިކިޔަލް މަޑު ހުނުމަކާއެކު ތުއްތު ފިރިހެން ކުއްޖާ ނަގާ ކޮނޑަށް ލިއެވެ. އެއާއެކު ބާރު ހިނިގަނޑަކާއެކު އެ ކުޑަކުޑަ ދެ އަތުން އަޒިކިޔަލްގެ ކަރުގައި ވަށާލި ޔޫހްގެ މޫނަށް އަޒިކިޔަލް ބަލާލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.
"ޔޫއްކޮ ގާތު ބުނަމެއްނު އަބަދު ވެސް މަޑުމަޑުންނޭ އަންނާނީ. އެހެންނޫނީ ތަނަކަށް ތަދުވެދާނެއްނު ދޯ" އޯގާތެރިކަމާއެކު އަޒިކިޔަލް ޔޫހް އަށް ބުނެދިނެވެ. އެ ވަގުތު ދުރުގައި އެ މަންޒަރު ބަލަހައްޓައިގެން ހުރި މެދު އުމުރުގެ އަންހެން މީހާއަށް ބަލާލަމުން އަޒިކިޔަލް ގޮވާލިއެވެ. "މިއަދު ކުނިކަހަން ނުދާ ދުވަހަކީތަ؟" ހިނިތުންވުމެއް ބަދަލުކޮށްލަމުން އަޒިކިޔަލް އަހާލީ އެހެންޏާ އެ ވަގުތު ޔޫހް އަޒިކިޔަލްއާ ހަވާލު ކުރުމަށްފަހު ސަބާނާ މަޑު ކުރުމެއް ނެތި މަގު ކުނިކަހާ ކޮމިޓީއަށް ދާން މިސްރާބު ޖަހާތީއެވެ.
އެ ހިނދު ސަބާނާގެ ހިނިތުންވުން ފުޅާވެލި ނަމަވެސް އަޒިކިޔަލްގެ ދެ ލޮލާ ހަތަރު ކަޅި ހަމަވި ހިނދު އެ މޫނުން މާޔޫސްކަމުގެ އަސަރުތައް ފާޅުވެލިއެވެ. އުދާސް ނޭވާއެއް ލަމުން ސަބާނާ އިސްޖަހާލިއެވެ.
"މިއަދު މި އުޅެނީ އެއާޕޯޓަށް ދައްތަގެ ދަރިފުޅު ބަލައި ދާންވެގެން" ސަބާނާ ބުނި ޖުމްލައިން އަޒިކިޔަލްގެ ހިތް ތެޅިލިއެވެ. އަވަސް ނޭވާއަކާއެކު ސަބާނާގެ މޫނަށް ފުން ނަޒަރެއް ދެވުނީ އިތުރު ތަފްސީލަށް އެ ހިތް އެދުނު ވަރުންނެވެ. ނަމަވެސް އިތުރު އެންމެ ލަފްޒެއް ވެސް އެ ކަމާ ގުޅިގެން ސަބާނާގެ ދުލުން ބޭރެއް ނުވިއެވެ.
ބަދިގޭ ދޮރުން ނިކުތް އަޒިކިޔަލްގެ މަންމަ ފެނުމާއެކު ތުއްތު ޔޫހް އަށް ހަނާ އަޅާލުމަށްފަހު, އަވަސް ހިނގުމެއްގައި ސަބާނާ އައިކޮޅަށް ގޮސް އޮބާލަންދެން ބަލަން އަޒިކިޔަލްއަށް ހުރެވުނެވެ. ހޭވެރިކަމެއްވީ ގޯތި ތެރޭގައި ހުރި މަންމަ އޭނާއަށް ގޮވާލުމުންނެވެ.
ހިތަށް ވެރިވި އުދާސް އިހްސާސްތަކުގެ މައްޗަށް ބާރު ފޯރުވޭތޯ ބަލަމުން އަޒިކިޔަލް މަންމައާ ދިމާލަށް ދިއުމަށް ހިނގައިގަތީ އަދި އެއްފަހަރު ސަބާނާ ދިޔަ ދިމާލަށް ފުން ނަޒަރެއް ދިނުމަށް ފަހުއެވެ. ފުން ނަޒަރަކުން އޭނާގެ މޫނަށް ބަލަހައްޓައިހެން ހުރި މަންމަ އަށް މަސްނޫއީ ހިނިތުންވުމެއް ދެމުން އޭނާ އަވަސް ހިންގުމެއްގައި ޔޫހް ގޮވައިގެން ވަނީ އޭނާގެ ކޮޓަރިއަށެވެ. ކުޑަކުޑަ ޔޫހްއަށް އޭނާގެ ހުރިހާ ސަމާލުކަމެއް އަނބުރާލުމަށް މަސައްކަތް ކުރަމުން ބިންމަތީ އިށީނީ ޔޫހް ކުލަޖައްސާނެ ފޮތަކާއި އެކުގައެވެ.
ކުލަ ފަންސޫރެއްގައި ނުގޮތަކަށް ހިފައިގެން އިނދެ ކުލަޖައްސަމުން ދިޔަ ޔޫހްއާ ވާހަދައްކަމުން ދިޔަ އަޒިކިޔަލްގެ ތުންފަތުން ހިނިތުންވުމެއް ފާޅުވާން މާ ގިނައިރެއް ނުނެގިއެވެ. ހިތުގެ އިހްސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވެ, ނާއުއްމީދުގެ ކަނޑަކަށް ޣަރަގުވަމުން ދަނިކޮށް ސަލާމަތުގެ އައްސޭރިއަކަށް ދިއުމުގެ މަދަދުވެރިއަކަށްވީ އެ ކުޑަކުޑަ ފުރާނައިގެ ލޯބިވެތި ހިނިތުންވުންތައް ކަމުގައި އަޒިކިޔަލްގެ ހިތް ޔަގީންކުރެއެވެ.
އޭނާގެ ދިރިއުޅުމަށް އައި އެންމެ ދަތި ދުވަސްތައް އަލިކޮށްދިނީ އެ ތުއްތު ތުއްތު މޫނުކޮޅެވެ. ދިރިއުޅުމަށް ވެރިވި ހަނަފަސްކަން ފޫނުބެއްދޭނެ ކަމަށް ހިތް އިންތިޒާރު ކުރި ހިނދު, އެ ހަނަފަސްކަން އާރޯކޮށްދިން ފެހިކަމަކީ ޔޫހްގެ ޅަ ހަރަކާތްތަކެވެ. އެ ނިއުމަތަށް ޓަކައި އޭނާ ޝުކުރުވެރިނުވާ އެންމެ ދުވަހެއް ވެސް ނުދާނެއެވެ.
އަޒިކިޔަލްގެ ހިތަށް ވެރިވަމުންދިޔަ ޖަޒުބާތުތަކުން އޭނާއަށް މިންޖެއް ނުވެވުނެވެ. ކުރިމަތީ އިން ޔޫހް ނަގާ އޭނާގެ އުނގައް ލަމުން އެ މޫނަށް އަޒިކިޔަލް ބަލާލިއެވެ. އެއާއެކު, އެ ތުއްތު މޫނުން އޭނާއަށް ތަސްވީރު ވެގެންދިޔަ ސޫރައިން އަޒިޔަލްގެ މެއަށް ބާރުވެލިއެވެ. އެއީ ހަމަ އެ މޫނެވެ. އެ ބޮޑު ދެ ލޮލާއި އެ ރީތި ކަޅިރަވައެވެ. ހީލާއިރު އެ ކޯ ފުފިލާ ގޮތުން އެ ނިޔަނެތިކަން ތަސްވީރު ވެގެންދާ ކަމާމެދު ޝައްކެއް ނެތެވެ. އަޒިކިޔަލްގެ ހަނދާންތައް މީގެ ފަސްވަރަކަށް އަހަރު ކުރިއަށް ދަތުރު ކުރިއެވެ.
އޭނާއަށް އެންމެ ފުރަތަމަ އެ ސޫރައިގެ ވެރިޔާ ފެނުން ދުވަސް މިއަދު ވެސް އެ ހިތުގައި ރައްކާ ކުރެވިފައިވަނީ ފިލުވައި ނުލެވޭނެހާ ބޮޑަށެވެ. ހިތްހެޔޮކަން ފާޅުވާ އެ މޫނުން އެ ހަޔާތަށް ގެނެސްދިން އުޖާލާކަން ހަނދާންވާ ކޮންމެ ފަހަރަކު މާޒީގައި ވެފައިވާ ކަންތައްތައް ބަދަލުވާނެނަމައޭ އެ ހިތަށް ހާސްފަހަރު އަރައެވެ.
މާޒީގެ ހިޔާލުތަކަށް މުޅިން ޣަރަގުނުވަނީސް އަޒިކިޔަލްއަށް ހަމަހޭވެރިކަން ލިބުނީ އޭނާގެ ފޯނަށް މީހަކު ގުޅުމުންނެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަނީ ސަބާނާއެވެ. "ދަރިފުޅާ އަޒިކިޔަލް... ބޭރުގަ މި ތިބީ... ޔޫހް ގޮވައިގެން ނިކުމެލަންވީނު" ކުރަކި އެހެނަސް ހިތްހެޔޮ އަޑެކެވެ. އޭނާއަށް އެ އަޑަކުން މައިވަންތަ ލޯބި އިންތިހާއަށް އިހުސާސްކުރުވި އަޑެކެވެ.
އެއް އިނގިލި އަނގަޔަށް ލައިގެން މައުސޫމްކަމާއެކު އޭނާގެ މޫނަށް ބަލަހައްޓައިގެން އިން ޔޫހްގެ މޫނުގައި ބޮސްދެމުން އަޒިޖިޔަލް ތެދުވެލިއެވެ. ކޮޓަރިން ނިކުމެލައި ބޮޑު ކޮޓަރިއަށް ނަޒަރު ހިންގާލި ވަގުތު ސޯފާ ގޮނޑިއެއްގައި ރުންކުރު ނަޒަރެއް ދީގެން އިން މަންމަ ފެނި އަޒިކިޔަލްއަށް ހިންދިރުވާލެވުނީ އުނދަގުލުންނެވެ.
ބޭނުންނުވިޔަސް އެ މަންމަގެ ރުހުމަށް ޓަކައި ކުރި އެތައް ކަމަކަށް ފަހު ވެސް އެ ހިތުން ރުހުން ނުލިބޭ ކަމުގެ އިޝާރާތްތައް ކޮންމެ ދުވަހަކުމެ މަންމަ ދައްކައިދެއެވެ. އެއިން ކޮންމެ ފަހަރަކު އަޒިކިޔަލްގެ ހިތަށް ލިބޭ ވޭން ބަޔާން ކުރަން ވެސް ދަތިވެއެވެ.
ފުން ނޭވާއަކާއެކު އަޒިކިޔަލް ހިނގައިގަތީ ގޯތި ތެރެއަށް ނިކުތުމަށެވެ. ގޭގެ މައި ދޮރާށި ހުޅުވާލަމުން ގޯތި ތެރެއަށް ނިކުމެލީ ވަގުތު ކުރި މަތިން ފެނުނު ސޫރައިން އަޒިކިޔަލްގެ ނޭވާ ކަރުގައި ތާށިވި ފަދައެވެ. ޔޫހްގެ ގައިގައި އިހުނަށްވުރެ ބޮޑަށް ހިފަހައްޓާލެވުނީ އަތުން ވަރުދޫވާފަދަ ދަތި އިހުސާސެއް ކުރެވުމުންނެވެ.
(ނުނިމޭ)