ޖަލުގައި މަރުވާ ހުރިހާ ގައިދީންގެ ޕޯސްޓުމޯޓަމް ހަދަން ނިންމާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ ކ. މާފުށީ ޖަލުގައި އިއްޔެ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ މުހައްމަދު ޖަމީލު، 45އ ގެ މަރާ ގުޅޭ ގޮތުން އިސްކަންދަރު ބިލްޑިންގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ އެ މަރާއި ގުޅިގެން މިއަދުން ފެށިގެން ޖަލުގައި މަރުވާ ގައިދީންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަނީ ޕޯސްޓުމޯޓަމް ހެދުމަށް ފަހު ކަމަށެވެ.

މީގެ ކުރިން ގައިދީއެއްގެ ޕޯސްޓުމޯޓަމް ހަދަނީ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން އިތުރަށް ބެލުމަށް ނުވަތަ އާއިލާއިން އެދިގެންނެވެ.

"މީގެ ފަހުން ނިޔާވާ އެއްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްޓުމޯޓަމް ހެދުމަށް ފަހު، އާއިލާއާ ހިސާބަށް އަޅުގަނޑުމެން ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓުމޯޓަމް ހަދައި އެކަމުގެ ރިޕޯޓްތައް އަޅުގަނޑުމެންނަށް ލިބި މުއައްސާތަކުން ފުރިހަމައަށް ޖަވާބުދާރީވޭވެ ފެންވަރަށް ތައްޔާރުވެގެން"
އިހުސާން ވިދާޅުވިއެވެ.

މީގެއިތުރުން ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމަށް އެންގެވިކަމަށާޢީ ނަމަވެސް އާދޭސްކުރުމުންވެސް އާއިލާއިން އެގޮތް ބޭނުންނުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިއްޔެ ޖަލުގައި ނިޔާވި މުހައްމަދު ޖަމީލު (45އ) ހަށިގަނޑު ވަޅުލައިފައިވަނީ ރޭ ފަތިސް ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައެވެ.