ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ހައިބަތާ ޝަރަފްވެރިކަން އިތުރުކުރައްވާނެކަމަށާއި، މި މުބާރާތް ބޭއްވޭ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ، ރާއްޖޭގައި ގައުމީ ފެންވަރުގައި ބާއްވާ ކީރިތި ގުރުއާނުގެ އެންމެ ބޮޑު ދަރުބާރުކަމަށެވެ. އެހެންކަމުން، މި މުބާރާތް ބޭއްވުން އަހަރެއް އަހަރަކަށް ވުރެ ހަރުދަނާކުރަން، ފެންވަރު ރަނގަޅުކުރަން ސަރުކާރުން ބޭނުންވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ އެންމެ ބޮޑު އެއް އަމާޒަކީ، އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ގައުމެއް ބިނާކުރެއްވުންކަމުގައި ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ، އިސްލާމީ ކަންކަމަށް ރާއްޖޭގައި ދޭ ސަމާލުކަން މި ވޭތުވި ހަތް މަސްދުވަހުގެ ތެރޭގައި ވަނީ އިތުރުކުރައްވާފައިކަމަށެވެ.
އެގޮތުން ކީރިތި ޤުރުއާން ކިޔަވާ ޒުވާން ކުދީންނާއި ކުޑަކުދީންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށް، ރީތިކޮށް ޤުރުއާން ކިޔެވުމުގައި އިތުރަށް ކުރިއަށް ދިއުމުގެ މަގު ހުޅުވައިދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި "ޤުރުއާން ކިޔަވައިދޭ އަދި ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތައް އިތުރުކޮށް، ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިތުރު އިނާޔަތާ އެހީތެރިކަން ދައުލަތުގެ ފަރާތުން ދިނުމަކީ މި ސަރުކާރުގެ އަމާޒެއް" އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ގުރުއާން ކިޔެވުމަކީ ހަމައެކަނި މުބާރާތަކަށް ތައްޔާރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ނުދެކި ޤުރުއާން ކިޔެވުމަކީ އަޅުކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރެއްވުމަށް ބާރުއަޅުއްވާފައެވެ.
އަދި ކޮންމެ ދުވަހަކުވެސް ޤުރުއާނުން މިންވަރެއް ކިޔަވަން ވަގުތުކޮޅެއް ހޯދޭތޯ މަސައްކަތްކުރެއްވުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަދި ޤުރުއާން ކިޔަވާ ކޮންމެ ވަގުތެއްގައިވެސް ތަރުތީލު މަގުން ކިޔެވުމަށް ސަމާލުކަންދޭންވާނެކަމަށާއި ޤުރުއާން ކިޔެވުމާއިއެކު ޤުރުއާން ތަދައްބުރުކުރުމަކީ ވެސް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.