ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖު 1 މާދަމާއިން ފެށިގެން ހުޅުވާލާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ކަނެކްޓިންގ ބްރިޖުތަކުގެ ތެރެއިން ފުރަތަމަ ބްރިޖު ހުޅުވާލަން ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާއްމު ފަރާތްތަކުން ދިރިއުޅެން ފެށުމާއި ގުޅިގެން އެ ފަރާތްތަކަށް އެ ސަރަޙައްދަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުންކަމަށެވެ.

މާދަމާ އިން ފެށިގެން ހުޅުވާލުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގާއި ގުޅިފައިވާ ބްރިޖެވެ.

މި ބްރިޖު ހުޅުވާލި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަރަޙައްދުތަކަށް އެޗް.ޑީ.ސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި، އަރައިފޭބުމަކީ މަނާކަމެއް ކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރު ބިންތަކުގައި އަމިއްލަ މީހުން އަޅާފައިވާ ބައެއް ގެތަކުގެ މަސައްކަތް ނިމި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް މަދު އާއިލާތަކަކުން މިހާރުވަނީ ބަދަލުވެފައެވެ. ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވަނީ ފިޔަވަހި އެކެއްގެ ނިރޮޅު މަގާ ގުޅިގެން ފޭސް ދެއަކަށް އަންނަ މަގުތަކަށް ހުރި ގޯތިތަކުގައެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަށްސާއި ދެވަނަ ފިޔަވަހި ގުޅުވާލުމަށް ހަދާ ކަނެކްޓިންގ ބްރިޖުތަކުގެ ތެރެއިން ފުރަތަމަ ބްރިޖު މާދަމާ ހުޅުވާލާއިރު، މިފަދަ 4 ބްރިޖެއް ތަރައްޤީކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ.