ކޮވިޑް-19 ރާއްޖެގައި ފެތުރެން ފެށުމާއެކު އެތައް ބައެއްގެ ވަޒީފާ ގެއްލި ރަށަށް ބަދަލުވިއެވެ.

އައްޑޫސިޓީ މީދޫ ވިނަމާ، މުޙައްމަދު ކާމީލް (ޤާރީ ބެއްޔާ) އަކީ އެގޮތަށް ރިސޯޓުން ވަޒީފާ ގެއްލުމުން ރަށަށް ބަދަލުވި މީހެކެވެ. ރަށުގައި އެހެން ހުންނަތާ ގިނަދުވަސް ވުމުން އޭނާ ވެސް ކޮންމެވެސް އެހެން މަސައްކަތެއް ފެށިއެވެ.

އޭނާ ފެށީ ޚާއްސަ މަސައްކަތެއް ނޫނެނެވެ. އައު މަސައްކަތެއް ވެސް ނޫނެވެ. އޭނާ ފެށީ އޮޅުއަލަ ހެއްދުމުގެ މަސައްކަތެވެ. "މިކަން ފުރަތަމަ ފެށީ ތަޖުރިބާ ކުރުމުގެ ގޮތުން. ތަޖުރިބާ ވަރަށް ރަނގަޅު. މިއީ ބުރަ މަސައްކަތެއް. އެކަމަކު ކުރާހިތުން ކޮށްފިނަމަ ވަރަށް ރަނގަޅަށް ކުރެވިދާނެ ކަމެއް،" ޤާރީބެއްޔާ ބުންޏެވެ.

ޤާރީބެއްޔާ އަލައޮޅުގެ މަސައްކަތުގައި

ޤާރީބެއްޔާ ބުނީ އޭނާ އަލަހައްދަނީ ވަރަށްކުރީން ފެށިގެން އޭނާގެ މަންމަމެން ބޭނުން ކުރަމުން އައި އޮޅެއްގައި ކަމަށެވެ. އެތަންކޮޅު ކުޑަކަމުން އަދި އެންމެ އެކަށީގެންވާ ވަރަށް އަލަ ނުހެއްދޭ ކަމަށް އޭނާ ބުންޏެވެ. އޭނާ މި މަސައްކަތް ފެށިފަހުން އަދި މިވީ ހައެއްކަ މަހެވެ. އެ މުއްދަތުގައި އޭނާއަށް ލިބިފައިވަނީ ފަންސާހަކަށް ކިލޯ އަލައެވެ. އެ އަލަކޮޅު އޭނާ ވިއްކާފައިވަނީ ވަރަށް ގާތް މީހުންނަށެވެ.

ޤާރީބެއްޔާ އަލައޮޅުގެ މަސައްކަތުގައި

ޤާރީބެއްޔާ ބުނީ އަލައަކީ އާދައިގެ ބިންތަކުގައި ވެސް ހެއްދިދާނެ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް ވަރަށްގިނައިން ފެންދޭންޖެހޭނެ ކަމަށެވެ. "ޗަކަ ބިމުގައި ހައްދާ ފެންވަރަށް ޑްރައި ތަންތަނުގައި ނުހެއްދޭނޭ. އެކަމަކު އަބަދުހެން ފެންދޭކަމަށް ވާނަމަ ހެއްދޭނެ. ތަފާތަކަށްވާނީ ސައިޒު ކުޑަވުމާއި ރަހަ ތަފާތުވުން. ޗަކަ ބިމުގައި ހައްދާ އަލަ މީރުވެފައި ބޮޑުވާކަން ފާހަގަވެފައިވޭ،" ޤާރީބެއްޔާ ބުންޏެވެ.

ޤާރީބެއްޔާ އަލައޮޅުގެ މަސައްކަތުގައި

އޭނާ ބުނީ އޮޅުގައި އިންދާނެ އަލަ ގަސް ލިބުމުގައި ވެސް މިހާރު ވަރަށް ދަތިތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ކުރިއަށް އޮތް 6 މަސްތެރޭ އެމައްސަލަ ހައްލުކޮށް އޭނާގެ އަލައޮޅު ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޤާރީބެއްޔާ ބުނީ އަލައަކީ ގިނަ ޢަދަދަކަށް ހައްދައިގެން ވިޔަފާރީގެ އުސޫލުން އެކަން ކުރަން ފަށައިފި ކަމަށްވާނަމަ ވަރަށް ރަނގަޅު އާމްދަނީއެއް ހޯދިދާނެ އެއްޗެއް ކަމަށެވެ. އަލައަށް މިހާރުވެސް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ޤާރީބެއްޔާ އަލައޮޅުގެ މަސައްކަތުގައި

ޤާރީބެއްޔާ އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނީ ބޭރުގެ ބައެއް ގައުމުތަކުގައި އަލަ ހައްދާ ފެންވަރުގައި ރާއްޖޭގައި ވެސް ހެއްދޭނެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަ ކުރި ބައެއް ގައުމުތަކުގެ ތެރޭގައި ހަވާއީ، ފިޖީ ސަމޯވާ ފަދަ ގައުމުތައް ހިމެނެއެވެ. އެ ގައުމުތަކުގެ މީހުންނަށް ވެސް އެކަން ކުރެވެނީ ހިތްވަރާއެކު މަސައްކަތް ކޮށްގެން ކަމަށް އޭނާ ބުންނެވެ. ދިވެހީން ވެސް އެހިތްވަރުން ހިތްވަރު ލިބިގެން އެކަން ކުރަން އުޅެފިނަމަ އެއަށްވުރެ ރަނގަޅަށް ވެސް ދިވެހީންނަށް އެމަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ބުންޏެވެ. "އައްޑޫ މީދޫގައި ވަރަށް ފުޅާދާއިރާއެއްގައި މި މަސައްކަތް ކުރެވެން މިހާރު ވެސް އެބައޮތް،" ކަމަށް އޭނާ ބުންޏެވެ.

ސަމޯއާ އިން އެންމެ ގިނައިން އެކްސްޕޯޓުކުރި އެއްޗެހިތަކުގެ ތެރޭގައި ވެސް އަލަ ހިމެނުނެވެ. ގައުމަށް އޭރު ލިބުނު އާމްދަނީގެ 50 އިންސަތައަކީ އަލަ އެކްސްޕޯޓު ކޮށްގެން ލިބުނު އާމްދަނީއެވެ. އެހެންވީމާ ރާއްޖެއަށް ވެސް އެފުރުސަތު އެބައޮތެވެ. ބޭނުންވަނީ ހިތްވަރާއި ކެރޭ އަތްތަކެކެވެ. ދެން ބޭނުންވަނީ ސަރުކާރުގެ އެއްބާރުލުމެވެ.

ޤާރީބެއްޔާ މިހާރު މިސްރާބު ހިފައިފައިވަނީ ސ. މީދޫގައި އަލައިގެ ދަނޑުވެރިކަން ފުޅާކުރުމަށެވެ. އަދި އެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދުމަކީ އޭނާގެ ލަނޑުދަނޑިއެވެ. އެ މަސައްކަތުގައި ދިމާވާ ހުރަސްތައް ނައްތާލައި ފުޅާދާއިރާއެއްގައި އެކަން ކުރުމަށް އޭނާ ހުރީ ތައްޔާރަށެވެ.