ޤައުމީޓީގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގާއި މިހާރުގެ ކެޕްޓަން އަކްރަމް ޢަބްދުލް ޣަނީއަށް ފުރައްސާރަ ކުރުމުން އެކަމާ ހޯމް މިނިސް އިމްރާން ޢަބްދުﷲ ނުރުހުން ފާޅު ކުރައްވައިފިއެވެ.
ސޫޒަން އިބްރާހީމް ފުޅު ކިޔާ އަންހެނަކު އެ ދެ ބަތަލުންނަށް ފުރައްސާރަކޮށް ޓުވީޓު ކުރުމުން އެއަށް ރައްދު ދެއްވައި މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ގައުމުގެ ލެޖެންޑުން ކަމަށެވެ. އެފަދަ ލެޖެންޑުންނަށް ފުރައްސާރަ ކުރުމަކީ ދެރަކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ ކުޅިވަރަކީ އެންމެބޮޑަށް ގައުމު އެއްބައިވަންތަ ކުރުވާ އެއް ވަސީލަތް ކަމަށެވެ. ޚާއްސަކޮށް ފުޓުބޯޅައަކީ ގައުމުގެ ލެޔާ ގުޅިފައިވާ ކުޅިވަރެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން "ގައުމަށް ތަށި ހޯދައިދީފައިވާ ގައުމު އެބަޔަކަށްޓަކައި ފަޚުރުވެރިވާ ފުޓުބޯޅަ ލެޖެންޑުންނަށް ފުރައްސާރަ ކުރުމަކީ ދެރަކަމެއް. މިދަ ކަންކަން ތަކުރާރު ނުކުރުމަށް ދަންނަވަން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ވަރަށްގިނަ މީހުން ގެންދަނީ ސޫޒަންއަށް ފާޑު ކިޔަމުންނެވެ. ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ޢަލީ އަޝްފާގު އާއި އަކުރަމް އަކީ ގައުމަށް ރީތި ނަން ހޯއްދަވައި ދެއްވާ،ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ގައުމީ ދެ ބަޠަލުން.އެ ދެ ބޭފުޅުންނަށްޓަކައި މި ގައުމު ފަޚުރުވެރިވޭ. އެ ދެ ބޭފުޅުންގެ އަގު ވައްޓާލުމަށް މަސައްކަތްކުރުމަކީ ގައުމަށްވެވޭ ޚިޔާނާތެއް،" ކަމަށެވެ. އެހެން ކަމުން އެ ދެބަތަލުންނަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
މިކަމާ ގުޅުގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަޝްފާގާއި އަކުރަމަށްޓަކައި ފަޚުރުވެރިވާ ކަމަށެވެ. "މާތް ﷲ އެ ދެ ބޭފުޅުންނަށް ކާމިޔާބާއި ހެޔޮ ސިއްޙަތާއި ސާބިތުކަމާއި ރައްކާތެރިކަން ދެއްވާށި،" ޝައިޚް ޝަހީމް ވިދާޅުވިއެވެ.