ރާއްޖެއިން މިހާތަނަށް 30،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން މިއަދު 5،717 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން މިއަދު ވެކްސިން ދިން 4،609 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ދިން 1،108 މީހުންނެވެ.

މާލެ ސަރަހައްދުން މިހާތަނަށް 27،065 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 6،041 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 33،106 މީހަކަށް މިވަނީ ވެކްސިން ދީފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.