މަސްވެރިންނަށް ދައްކަންޖެހޭ 53 މިލިޔަން ރުފިޔާ މިހާރު ޖަމާކޮއްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން ބުނީ 27 ޖޫން ނުވަތަ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްފައިވާނެ ކަމަށާއި މިހާރު މަސްވެރިންނަށް ނުދީ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށެވެ،

މިކަމާ ގުޅިގެން އައްޑޫ ސިޓީގައި މަސްވެރިން ކުރަމުން ގެންދިޔަ މުޒާހަރާ ވެސް ނިންމާލާއިފިއެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރީގައި ފާއިތުވި 10 ދުވަހު 15 އެއްހާ މަސްދޯންޏަށް ނިސްބަތްވާ މަސްވެރިން މުޒާހަރަކުރަމުން ދިޔައެވެ.

1 ޖުލައި އިން ފެށިގެން މިފްކޯއަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މިއީ މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައެވެ.

މިފްކޯއަށް މަސް ގަންނަ އަގު މީގެ ފަހުން ކޮންމެ ހަފްތާއަކުވެސް ކަނޑއަޅާ އިއުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން މި ހަފްތާގައި އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް މިފްކޯއިން ބުނެއެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި މަސް ގަންނަ އަގުގައި މަސް ގަތުމަށް މިފްކޯ އިން ނިންމާފައި މިވަނީ އެ ކުންފުނީގެ ދަރަނި 1.2 ބިލިއަނަށް ވުރެ މައްޗަށް ގޮސް، އެ ކުންފުނި ބަނގުރޫޓް ވުމާ ހިސާބަށް ގޮސްފައި ދަނޑިވަޅެއްގައެވެ.