އައްޑޫގެ އިރު ދެކުނުން 165 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދިޔަ އާގުބޯޓެއް ކަމަށްވާ "ޑާބީ" ގައި ހުރި ފަޅުވެރިއަކު ބޯޓުގެ އުސްތަނަކުން ވެއްޓިގެން ފަރުވާ ދިނުމަށް އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެނެސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ އޭއީއެޗަށް ގެންގޮސްފައިވަނީ މިރޭ 11:40 އެހައިކަންހާއިރު ކަމަށެވެ. އޭއީއެޗުން ވިދާޅުވީ އެތަނަށް ގެނައީ "ޑެޑް ބޮޑީ" އެއް ކަމަށެވެ.

އެމީހާއަކީ އެ ބޯޓުގައި މަސައްކަތްކުރާ ސްރީލަންކާގެ ރައްޔިތެކެވެ. ބޯޓުގެ އުސްތަނަކުން ވެއްޓުމުން އެމީހާގެ އަތާއި ފައިވަނީ ބިންދައިގެން ގޮސްފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އޭރު އޭނާ މަރުނުވާ ކަމަށް ވެއެވެ. އެހެންނަމަވެސް އޭނާ މަރުވެފައިވަނީ ކޮންއިރަކު ކަމެއް ނޭނގޭއެވެ.

އޭއީއެޗުން ވިދާޅުވީ އެމީހާގެ މަރާބެހޭ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ހަދަންޖެހޭ ޓެސްޓެއް ހެދުމަށްފަހު ލާނީ މޯޗަރީއަށް ކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ވެއްޓިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެބޯޓުން އެދިފައިވަނީ މިއަދު މެންދުރު 12:26 އެހައިކަންހާއިރު ކަމަށެވެ. އެހިސާބުން ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން ނަގަންޖެހޭ ހުއްދަ ނެގުމަށްފަހު އެބޯޓުވަނީ އައްޑޫއާ ކައިރިކޮށްފައިއެވެ. އެ ބޯޓު އައްޑުއާ ކައިރި ކުރުމުން ކޯސްޓު ގާޑު ލޯންޗުވަނީ އެބޯޓަށްގޮސް އެމީހާ ނަގައިގެން ހިތަށްދުއަށް ގެނެސްފައެވެ. އަދި އޭއީއެޗަށް ގެންދިޔަ ކަމަށްވަނީ އެމްބިޔުލާންސްގައެވެ.