ކޮރޯނާވައިރަސް ވެކްސިންގެ ފުރަތަމަ ލުބުނާނަށް ގެންގޮސްފިއެވެ.
މެޑިޓަރޭނިއަންގައި ހިމެނޭ ކުޑަ ގައުމެއް ކަމަށްވާ ލުބުނާނަށް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ގެންދިޔައިރު، ލުބުނާނު މިހާރު ތައްޔާރުވެފައިވަނީ އާދީއްތަ ދުވަހު ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމަށެވެ.
ލުބުނާނަށް ގެންދިޔަ އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ޝިޕްމަންޓުގައި ހިމެނެނީ ފައިޒަރ-ބަޔޯއެންޓެކްގެ 28،500 ޑޯޒްގެ ވެކްސިނެވެ.
ފައިޒަރ ވެކްސިންގެ މިޝިޕްމަންޓް ބްރަސަލްސްއިން ލުބުނާނަށް ގެންދިޔައީ ލުބުނާނު ގައުމީ އެއަރލައިންގެ މަތިންދާ ބޯޓެއްގައެވެ.
އާދީއްތަ ދުވަހު އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ވެރިރަށް ބެއިރޫތުގެ ސިއްހީ ޚިދުމަތްދޭ 4 ސެންޓަރަކުންނެވެ.
އަދި އެންމެ ފުރަތަމަ ވެކްސިން ދޭން ފަށާނީ ވަރަށް މަދު ބަޔަކަށް ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ބެއިރޫތުގެ 4 ސެންޓަރެއްގައި އާދީއްތަ ދުވަހު ވެކްސިން ދޭން ފެށި ނަމަވެސް، ހޯމަދުވަހު އިތުރު ސެންޓަރުތަކުން ވެކްސިން ޖަހަން ފަށާނެ ކަމަށާއި، އަދި ދެ ހަފްތާ ތެރޭގައި ލުބުނާނުގެ އެކި ހިސާބުތަކުގައި ކޮވިޑް ވެކްސިން ދިނުމުގެ 57 ސެންޓަރު ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ލުބުނާނުގެ، ކޮވިޑް ވެކްސިންއާބެހޭ ގައުމީ ކޮމިޓީގެ ވެރިޔާ އަބްދުއްރަހްމާން ބިޒްރީ ވިދާޅުވީ، ފައިޒަރ ވެކްސިންގެ އިތުރު ޑޯޒްތައް ކުރިއަށްއޮތް ހަފްތާތަކުގައި ގެނެވޭނެ ކަމަށެވެ.
އަދި ވެކްސިން ޕްރޮގްރާމްގެ ފަހުގެ ސްޓޭޖެއްގައި އެސްޓްރަޒެނެކާގެ ވެކްސިންވެސް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލުބުނާނުގެ ހެލްތު މިނިސްޓަރ ހަމަދު ހަސަން ވިދާޅުވީ، ވެކްސިން ޖެހުމަށް މިހާތަނަށް 450،000 އަށްވުރެ ގިނަމީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
ވެކްސިން ޖެހުމަށް އަދި ރަޖިސްޓަރީ ކޮށްފައިވަނީ މަދު މީސްކޮޅަކަށް ވާއިރު، ލުބުނާނުގެ އާބާދީގައި ހަމިލިއަން މީހުން ހިމެނެއެވެ. އަދި ސޫރިޔާގެ އެތައް މިލިއަން ރެފިއުޖީންވެސް ލުބުނާނުގައި ދިރިއުޅެމުން ގެންދެއެވެ.
ފާއިތުވީ ހަފްތާތަކުގައި ލުބުނާނުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު އެތައްގުނަ އިތުރުވެފައި ވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވެއެވެ.
ލުބުނާނުން މިހާތަނަށް 334،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވާއިރު، 3،915 މީހުން ބަލީގައި މަރުވެފައި ވެއެވެ.
ލުބުނާނުން ކޮވިޑްބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ.
ބަލީގެ ކުރީކޮޅު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ލުބުނާނަށް ކާމިޔާބީތަކެއް ހޯދުނު ނަމަވެސް، އޮގަސްޓްމަހު ބެއިރޫތުގައި ހިނގި ވަރުގަދަ ގޮވުމުގެ ހާދިސާގެ ފަހުން ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ބަލީގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ.
ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ ޖެނުއަރީމަހުގެ 11 ވަނަ ދުވަހުން ފެށިގެން މުޅި ލުބުނާނުގައި އަދިވެސް އޮތީ ލޮކްޑައުންއާއިމ ކާފިއު ހިންގާފައެވެ.