ނ. ވެލިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ 75 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަޝްރޫއު ހިންގަމުން ގެންދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.

އާރުޑީސީން ބުނީ މި މަޝްރޫއުގެ ދަށުން ވެލިދޫގެ 11 މަގަކާއި އަދި މަގަކަށް އިތުރުކުރާ ބައެއްގައި ތާރު އަޅާނެ ކަމަށާއި އެއީ ޖުމުލަ 5.7 ކިލޯ މީޓަރުގެ މަގެއް ކަމަށެވެ.

އަދި މަޝްރޫއުގެ މަސައްކަތް މިހާ ހިސާބަށް އައިއިރު ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅިތައް އެޅުމުގެ އިތުރުން ކާބް ސްޓޯން ޖެހުން ފަދަ މަސައްކަތްތަކުގެ 94 އިންސައްތައިގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. އަދި ސްޓޯރމް ވޯޓާ ޓޭންކް ބެހެއްޓުމާއި ހޮޅިތައް އެޅުމުގެ 94 ޕަސެންޓް މަސައްކަތްވެސް ނިންމާލާފައިވާ ކަމަށް ބުންޏެވެ.

މީގެއިތުރުން ޕޭވިންގެ 81 އިންސައްތަ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ 72 ޕަސެންޓް މަސައްކަތް ނިންމާލާފައިވާއިރު މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށްވެސް އާރުޑީސީން ބުނެފައިވެއެވެ.

މި މަޝްރޫއަކީ ޖުމުލަ 88.5 މިލިއަން ރުފިޔާގެމަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 15 ނޮވެމްބަރު 2021 ގައެވެ.