އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނަން ޒިޔާރަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ކުރި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ފަޔަރފައިޓަރުންގެ ދުވަހުގެ މަސައްކަތްތަކާއި އެ މަސައްކަތްތައް ރާވާލެވިފައިވާ ގޮތުގެ މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މައުލޫމާތުދީ އަލިފާން ނިއްވުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތާއި އެ ތަކެތި ބޭނުންކުރާ ގޮތްތައް ވަނީ ދައްކާލާފައި ކަމަށްވެސް ބުންޏެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގައި އެ ސްކޫލުގެ 330 ދަރިވަރުންނާއި 20 ޓީޗަރުން ބައިވެރިވިއެވެ.