ފަރަންސޭސި ވިލާތަށް އުފަން، ސިސްޓަރ އެންޑްރޭ އޭނާގެ 117 ވަނަ އުފަން ދުވަސް ފާހަގަ ކޮށްފިއެވެ. އޭނާ އުފަން ދުވަސް ފާހަގަކުރީ ފެބުރުއަރީ 11 ވަނަ ދުވަހުއެވެ. އުފަންދުވަސް ފާހަގަކުރި އިރު ކޮވިޑް-19 އިން ރަނގަޅުވިތާ އެއް ހަފްތާ ފަހުންނެވެ.

ސިސްޓަރ އެންޑްރޭ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ ޖަނަވަރީމަހު 16 ވަނަ ދުވަހުއެވެ. އޭނާ އެބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ނުވަތަ ނިޝާނެއް ނުފެނި އެވެ.

ސިސްޓަރ އެންޑްރޭ ވަނީ މީގެ ގަރުނެއް ކުރިން ދުނިޔޭގައި ފެތުރުނު ސްޕެނިޝް ފުލޫ ވެސް ދެކެފައެވެ. އަދި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވެސް އެވަނީ ތަޖުރިބާ ކޮށްފައެވެ. އެހެން ކަމުން އޭނާ ވެފައިވަނީ ދުނިޔެ މިހާތަނަށް ދުށް އެންމެ ބޮޑު ދެ ބަލިމަޑުކަން ވެސް ދެކެފައެވެ. 1918 އިން 1920 އަށް ދުނިޔޭގައި ފެތުރުނު ސްޕެނިޝް ފުލޫ ވަނީ ދުނިޔޭގެ އާބާދީގެ ތިންބައި ކުޅަ އެއްބައި އެބަލީގެ ޝިކާރައަކަށް ހަދައިފައެވެ.

ސިސްޓަރ އެންޑްރޭ އަކީ ޔޫރަޕުގައި އިން އެންމެ ދުވަސްވީ މީހާއެވެ. އޭނާ އުފަންވެފައިވަނީ 1904 ވަނަ އަހަރު ފެބުރުވަރީ 11 ވަނަ ދުވަހުއެވެ. ޢުމުރުން ދުވަސްވުމުގެ ސަބަބުން އޭނާ ވަނީ ލޮލަށް ފެނުމުން މަހުރޫމް ވެފައެވެ. އަދި މިހާރު އުޅެމުންދަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ޖެރޮނެޓޮލޮޖީ ރިސާރޗް ގޮރޫޕުގެ ރެކޯޑްތަކުން ދައްކާ ގޮތުން ސިސްޓަރ އެންޑްރޭ އަކީ ދުނިޔޭގައި އިން ދެވަނައަށް އެންމެ ގިނަދުވަސްވީ މީހާއެވެ.

ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ ޖަޕާނު ރައްޔިތެއް ކަމަށްވާ ކޭންޓަނާ އެވެ. އޭނާގެ އުމުރަކީ 118 އަހަރެވެ.