ހުޅުމާލެ ފޭސް ދޭއްގައި މިކްސްޑް ޔޫސް ރެސިޑެންޝިއަލް 10 ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާން ކޮށްފިއެވެ.

އެ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނުގައި ވަނީީ މިކްސްޑް-ޔޫސް ރެޒިޑެންޝަލް ބިލްޑިންގްސް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއީއޯ) ހުށަހެޅުމަށެވެ

މިކްސްޑް ޔޫސް ޓަވަރުތައް އިމާރާތް ކުރުމަށް ދޫކުރަން ނިންމާފައި ވަނީ ބިން ވިއްކާ މޮޑެލް އަށް ކަމަށާއި އެ ޓަވަރުތައް އިމާރާތް ކުރުމަށް ކަނޑައަޅައިފައި ވަނީ 14 ބުރި އާއި 15 ބުރި އަދި 20 ބުރި އަށް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެއިތުރުން މި ޓަވަރުތައް އިމާރާތް ކުރަންޖެހެނީ މީހުން ދިރިއުޅެވޭނެ އެޕާޓްމެންޓްތަކާއި، ވިޔަފާރި ކުރުމަށް ހާއްސަ ތަންތަނާއި، އާންމު ހިދުމަތްތަކާއި ޕާކިންގ ހިދުމަތަކާއެކުގައި ކަމަށާއި އަދި މި ޓަވަރުތައް އިމާރާތް ކުރުމަށް 9،000 އާއި 20،000 އަކަފޫޓުގެ ބިންތަކެއް ކަނޑައަޅާފައިވާއިރު، މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، ވިޔަފާރީގެ އުސޫލުން ކަމަށްވެސް އެޗްޑީސީގެ އިއުލާނުގައި ވެއެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނީ އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭނީ ބިން ގަންނަން ހުށަހަޅާ ރޭޓަށާއި ފައިސާ ދައްކަން ހުށަހަޅާ ގޮތެއްގެ އިތުރުން ހުށަހެޅުން ހުށަހަޅާ ފަރާތުގެ މާލީ ގާބިލު ކަމަށް ބަލާފައި ކަމަށެވެ. ނަމަވެސް ކޮންމެ ވަގުތަކުވެސް ހުށަހަޅާ ހުރިހާ އީއޯއައިއެއް ބާތިލު ކުރުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވާ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެޗްޑީސީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި [email protected] އަށް މެއިލް ކުރުމަށް ނުވަތަ އެޗްޑީސީ އޮފީހަށް ހެށަހަޅުމަށް އެދިފައެވެ.