ކުރީގައި ދިވެހިރާއްޖޭގެ ރައްތަކުގައި ދިރި އުޅުނު ކުޑަކުދިންގެ ދިރި އުޅުން ވަރަށް އުފާވެރި އެވެ. އުމުރުން 6 އަހަރު ފުރޭއިރު އަންހެން ކުދިން ތިބޭނީ އަމިއްލަޔަށް އުޅެން ދަސްކޮށްފައެވެ. މީގެ އިތުރަށް ގޭތެރޭގައި ކުރާ ކުދިކުދި މަސައްކަތްވެސް ދަސް ކުރާނެއެވެ. މާމަޔާއި މަންމައަށް އެހީވެދީ ގޭގެ މަސައްކަތް ތަކުގައި ބައިވެރިވާ އަންހެން ކުދިން ކުޅުމުގައިވެސް އެއްވަނައެވެ.
ގޭގެ ގޯތި ތެރޭގައި އޮންނަ ހުސްބިމުގައި ނުވަތަ ގޭކައިރީ އޮންނަ ހުސްތަންކޮޅެއްގައި އެކުވެރިންނާ އެކު ކުޅުމަށް މި ކުދިން ދުވާލުގެ ކިތަންމެ ވަގުތެއްވެސް ހޭދަކޮށްފާނެއެވެ. މި ގޮތަށް މި ކުދިން ކުޅޭ ކުޅިވަރުތަކުން ވަރަށްގިނަ ކަންތައްތައް ވެސް ދަސްކުރެއެވެ. ނާށިތައް ހިފައިގެން ބަތްކައްކާ ކުޅޭއިރު ރިހަ ކެއްކުމަށް ހިރުނދުގެ ދިޔަ ނަގައި ކުލަޖައްސާ ހަދާތަން ބަލަން މީހަކު ހުރިނަމަ މި ކުޑަކުދިންގެ ހުނަރާ މެދު ފަޚުވެރި ވާނެއެވެ.
ބޮޑުމީހެއްގެ އެހީއާ ނުލައި އޭރުގައި ލިބެންހުރި އެއްޗެއް ބޭނުން ކޮށްގެން މި ކުދިންތައް ބޮޑެތި މީހުންކުރާ ހުރިހާ މަސައްކަތެއް ނަކަލު ކުރެއެވެ. ކުޅުމުގެ ތެރެއިން އެކުދިން ދިރި އުޅުމުގެ ހުނަރުތައް ދަސްކުރެއެވެ. މިއީ 90 ގެ އަހަރުތަކުގައި ވެސް ރަށްރަށުގައި ކުދިން އުޅުނު ގޮތެވެ.
މިގޮތަށް ކުޅެން އުޅުނު އެކުވެރި ދެކުދިންނަކީ ފާތުންއާއި ހަދީޖާ އެވެ. މިއީ ދެބެންގެ ދެ ދަރި ދެކުދިންނެވެ. ނަމަވެސް ތިމާގެ ކަމުގެ ގުޅުމަށްވުރެ އެކުވެރިކަން ބަދަހި އެވެ. ސުކޫލުގެ ގަޑިތައް ނިންމާލާފައި ގޭގައި މަންމަމެން މަސައްކަތް ކުރަން ތިބޭއިރު އެކުދިންނަށް ކޮށްދެވެން ހުރި ފަސޭހަ އެއް ކޮށްދީފައި ދެކުދިން ނުކުންނަނީ އެކީގައި އުޅޭކުދިންނާ އެކު ކުޅޭށެވެ. މި ގޮތަށް ކުޅެން ނުކުތް ދުވަހެކެވެ. ކުޅުމުގެ ފޯރީގައި ވެލި ނަގައި ނާއްޓަށް އަޅަމުން ދަނިކޮށް ހަދީޖާ އަށް ވެލިގަނޑުގެ ތެރެއިން ލާރި އެއް ފެނިއްޖެއެވެ. މިއީ ކުޑަކުޑަ އެއްލާރި އެވެ. ލާރި ނެގުމާ އެކު ގާތުގައި ހުރި ފާތުންނަށް ދިއްކޮށްލާފައި މި ލާރި ފޮރުވާށޭ ބުނެފިއެވެ. ހަމަ އެހިނދުކޮޅުގައި ހަދީޖާ އަތުން ލާރި އަތުލައި އޭނާގެ ނޭފަތުގެ ވަސްދަނޑި އަށް ކޮށްޕާލިއެވެ.
އިރުކޮޅަކުން ފާތުން ރޯން ފަށައިފިއެވެ. ހަދީޖާ ބަލާލި އިރު ކަމަކު ދާކަންނެތެވެ. ފޮރުވަން ދިން ލާރި ނޭފަތު ވަސްދަނޑިއަށް ލައިތާށި ކޮށްގެން އެ ނުނެގިގެން ފާތުން ބިރުން ރޮއި ނަގަނީ އެވެ. ދެކުދިން ދުވަމުން ދުވަމުން ގޮސް ފާތުންގެ މަންމަ ގާތު މި ވާހަކަ ބުނެފިއެވެ. އޭރު އާއިލާގެ އެހެން މީހުންވެސް ފާތުމާއި ހަދީޖާ އަށް ވެގެން އުޅޭ ގޮތް ބެލުމަށް ގޭދޮށަށް ޖަމާވެއްޖެއެވެ. އެންމެފަހުން ރޮއިރޮއި އިން ފާތުން ގޮވައިގެން އެންމެން ރަށުގެ ހެލްތު ސެންޓަރަށް ހިނގައްޖެއެވެ. ސެންޓަރުގައި ހުރި ޞިއްޙީ އެހީތެރިޔާ ފާތުންގެ ނޭފަތް ވަރަށް ބޮޑަށް ބެލުމަށްފަހު އެންގީ ލާރި އޮތްލެއް އެތަރެ ކަމުން ސެންޓަރުން އެ ނުނެގޭނެ ކަމަށެވެ. ޖެހޭނީ މާލެ ގެންދަން ކަމަށެވެ. ކުރާނެ ކަމެއްނެތެވެ. ފާތުންގެ ނޯށުގައި އޮތް ލާރި ނަގަން މާލެ ދާން ފުރަން ޖެހުނީއެވެ. އޭރަކީ މާލެ ދާނެ މާގިނަ އޮޑިފަހަރު ހުރި ޒަމާނެއް ނޫނެވެ. ނަމަވެސް ފާތުންގެ ބައްޕަ މަހަށްދާ ދޯނިން ފާތުން މާލެގެންދިއުމަށް ތައްޔާރު ވެއްޖެއެވެ. ފާތުން ގޮވައިގެން މާލެ ދިޔައީ ފާތުންގެ ބައްޕަ އެވެ. ބޮޑެތި ކަނޑުތައް ހުރަސް ކޮށް މާލެ ލެފެން ކައިރިވިތަނާ ކުއްލިއަކަށް ފާތުން އެޅި ކިނބިއްސަކާ އެކު އެއްކަލަ އެއްލާރި ވެއްޓިއްޖެއެވެ. ލާރި ނޭފަތުން ވެއްޓުނަސް ދޯނި އަނބުރާ ރަށަށް ނައިސް މާލެ ދިޔައެވެ. ފާތުންނަށް މާލެ ބަލާލާނެ ފުރުޞަތު ލިބުނެވެ. މި އީ އޭރު ވަރަށް މަދު ފަހަރަކު ނޫނީ ނުލިބޭ ފުރުޞަތެކެވެ. ފޮރުވަން ދިން ލާރީގެ ސަބަބުން މާލެ ބަލައިލެވުނީއެވެ.
ފާތުންނާއި ހަދީޖާ އަކީ މިހާރު 40 ގެ އަހަރުތައް ގުނަމުންދާ ދެ މީހުން ކަމަށް ވިޔަސް އަދިވެސް އެއްލާރި ފޮރުވި ވާހަކައިން ފާތުންނަށް ޖޯކު ޖަހައެވެ. އެއްޗެއް ފޮރުވި ވާހަކަ އާއިލާ މީހަކު ބުންޏަސް އަނެއްކާ ފާތުން އެއްލާރި ފޮރުވި ގޮތަށްތޯ އަހައެވެ. ނޫނީ ފާތުން ބޭންކަށް ލާރިލީ ގޮތައްތޯ ކިޔައި ހަދައެވެ.