ޔޫރޯގައި މިއަދު ކުޅުނު ކުއާޓާ ފައިނަލުގައި 0-0 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީ ޝޫޓްއައުޓުން ޕޯޗުގަލް ބަލިކޮށް, ރޮނަލްޑޯގެ ފަހު ޔޫރޯ ނިމުމަކަށް ގެނެސް, ފްރާންސްއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ވޯލްކްސްޕާކް ސްޓޭޑިއޮންގައި ކުޅުނު ކުއާޓާ ފައިނަލުގެ ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ޕޯޗުގަލްއިން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު އިރު, ފްރާންސްއިން ކުޅުނީ އެ ޓީމުގެ ހަލުވި ކުޅުންތެރިންތައް ބޭނުންކޮށް ކައުންޓާ އެޓޭކިކް ފުޓްބޯޅައެވެ.

މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމުގައިވިއަސް, އެ ފުރުސަތުތަކުގެ ބޭނުން ދެ ޓީމަށް ވެސަ ހިފިފައެއް ނުވެއެވެ. އެ ގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޖައޯ ކެންސެލޯ ދިން ޕާހަކުން ފަހިވި ފުރުސަތަކުން ބްރޫނޯ ފާނަންޑޭޒް ފޮނުވާލި ބޯޅަ ފްރާންސްގެ ގޯލްކީޕަރު މައިކް މެއިނަން ވަނީ މަތަކޮށްފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ފްރާންސްގެ އުސްމާން ޑެމްބެލޭއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޕޯޗުގަލްގެ ޑިފެންޑަރުން ކައިރިން ކަޓުވަމުން އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ބޯޅަ ވަނީ އަރިމަތި ދަނޑި ކައިރިން ބޭރަށް ގޮސްފައެވެ.

މެޗުގެ ނުވަދިހަ މިނެޓު ހަމަވި އިރު ވެސް ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު މެޗު ވަނީ އިތުުރު ވަގުތަށް ގޮސްފައެވެ. އިތުރު ވަގުތުގައި ދެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުން އިރު, ލަނޑެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނީ ޕޯޗުގަލްއަށެވެ. އެއީ, މެޗުގެ 120 ވަނަ މިނެޓުގައި ނޫނި މެންޑޭސްއަށް ހުސްކޮށް ގޯލަށް ފޮނުވާލަން ލިބުނު ފުރުސަތެކެވެ. ޑިފެންޑަރެއް ކައިރީގައި ނެތް ކަމުގައިވިއަސް ޕްރެޝަރުގައި ހުރެ މެންޑޭސްއަށް ބޯޅަ ފޮނުވާލެވިނީ ކީޕަރު މެއިނަންގެ އަތަށެވެ.

އިތުރު ވަގުތުގެ 30 މިނެޓު ހަމަވިއިރު ވެސް ދެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު މެޗު ވަނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށް ގޮސްފައެވެ. ޕޯޗުގަލްގެ ޖައޯ ފީލިކްސް ޖެހި ޕެނަލްޓީ ގޯލުގެ އަރިމައްޗަށް އެރުމާއެކު ފްރާންސް ވަނީ 4-2 އިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

ސެމީ ފައިނަލުގައި ފްރާންސް ނިކުންނާނީ ވަރުގަދަ ފޯމެއްގައި އޮތް ސްޕެއިންއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ 10 ޖުލައި ވާ ބުދަ ދުވަހުއެވެ.