މޯލްޑިވްސް އިސްލާމިކް ބޭންކުން (އެމްއައިބީ) ސެލްފް ސަރވިސް ކިއޮސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް ބޭންކުގެ ޚިދުމަތްތައް ލިބިގަތުމުގެ ފުރުޞަތު ތަޢާރަފްކޮށްފިއެވެ.

އެމްއައިބީން މަޢުލޫމާތު ދެއްވިގޮތުގައި މިއީ ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމަށް އިތުރު ފަސޭހަ ގޮތެއް ތަޢާރަފްކޮށްދިނުމުގެ މަޤްޞަދުގައި ފަށާފައިވާ ޚިދުމަތެކެވެ.

މި ކިއޮސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް އެމްއައިބީގެ ޚިދުމަތްތައް އަމިއްލައަށް ލިބިގަނެވޭނެއެވެ. މިހާރު މި ޚިދުމަތް މާލެ އަދި ހުޅުމާލޭގެ އެމްއައިބީ ސެންޓަރުތަކުގައި ލިބެން ހުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަތޮޅުތަކަށްވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.

މި ޚިދުމަތް ބޭނުންކުރުމަށް އެހީތެރިވުމަށް ބޭންކުގެ މުވައްޒަފުން ތިބޭނެ ކަމަށްވެސް އެމްއައިބީން މަޢުލޫމާތު ދީފައިވެއެވެ.

ކަސްޓަމަރުންނަށް ފަސޭހަކުރުމަށް އެމްއައިބީން ތަޢާރަފްކޮށްފައިވާ އިތުރު ޚިދުމަތްތަކުގެ ތެރޭގައި "އެމްއައިބީ އެޕްލައިނައު" ހިމެނެއެވެ. މިއީ ރާއްޖޭގައި ކަސްޓަމަރ ސަރވިސް ދިނުމަށް ބޭނުންކުރާ އެންމެ ފުރިހަމަ އަދި ބާރުގަދަ އެއް ޕޯޓަލް ކަމަށް ބެލެވެއެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ޚިދުމަތް ވަގުތުން ލިބެއެވެ.

އެމްއައިބީއަކީ މި ފަދަ ޚިދުމަތެއް ދޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. އެޕްލައިނައު ޕޯޓަލްގެ "އުޖާލާ ނައު" ސެކްޝަނުން ބޭންކަށް ނުގޮސް ޝަރީޢާ ހުއްދަކުރާ އުސޫލުން މުދާ ގަތުމަށާއި އެކި ބޭނުންތަކަށް ފައިސާ ނެގުމުގެ ޚިދުމަތް ލިބެއެވެ.

މި ހިދުމަތަކީ އެމްއައިބީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަސައްކަތްތަކުގައި މުހިންމު ފިޔަވަޅެއްކަމަށް އެ ބެންކުން ބުނެެއެވެ. އަދި މިއީ ދިވެހިރާއްޖޭގައި އޮންލައިން އެކައުންޓް ހުޅުވުމާއި، އޮންލައިން ފައިނޭންސް އެޕްލިކޭޝަންތަކާއި، އަދި އެހެނިހެން ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދޭ ފުރަތަމަ ބޭންކަށް ވުމަށް އެމްއައިބީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ހިދުމަތެކެވެ.