ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި 1-1 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ވެނެޒުއޭލާ އަތުން ކުރިހޯދައި, ކެނެޑާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިއަދު ފަތިހު އޭޓީއެންޓީ ސްޓޭޑިއަމްގައި ކުޅުނު މެޗު ކެނެޑާއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖޭކޮބް ޝަފެލް ބާގްއެވެ. މެޗުގެ ފުރަތަމަ ކޮޅު ޖޭކޮބް ކާމިޔާބު ކުރި މި ލަނޑާއެކު ކެނެޑާ ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެނެޒުއެލާ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ވެނެޒުއެލާގެ ސަލޮމޮން ރޮންޑޮން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސަލޮމޮން މި ލަނޑު ކާމިޔާބު ކުރީ އޭރިއާ ބޭރުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

ސޮލޮމޮން ޖެހި ލަނޑާއެކު މެޗު ވަނީ 1-1 އިން އެއްވަރުވެ ޕެނަލްޓީ ޝޫޓްއައުޓްއަށް ގޮސްފައެވެ. ކެނެޑާއިން މި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 4-3 ގެ ނަތީޖާ އަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްއިން ބަލިވުމާއެކު, މި މުބާރާތުގައި ތަފާތު ކުޅުމެއް ދައްކަމުންއައި ވެނެޒުއޭލާއަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ކެނެޑާ ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަނުން އަދި ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަނުން އާޖެންޓީނާއާ ދެކޮޅަށެވެ. މެސީގެ އާޖެންޓީނާއާ ދެކޮޅަށް ކެނެޑާ ނިކުންނަ މި ސެމީ ފައިނަލު އޮތީ 10 ޖުލައި ވާ ބުދަ ދުވަހު ރާއްޖެ ގަޑިން ފަތިހު 5:00 ގައެވެ.