ބޭރުގައި އުޅުން މަނާ ވަގުތުތަކުގައްޔާއި ވެހިކަލް ދުއްވުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ނިކުތުމަށް ފުލުހުންގެ ހުއްދައަށް އެދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ފުލުހުން ބުނެފައިވަނީ، މާލޭގައި ކާފިއު ވަގުތުގައްޔާއި ވެހިކަލް ދުއްވުން މަނާ ވަގުތުގައި ކޮންމެހެން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ބޭނުންވާ ފަރާތްތަކަށް ނުވަތަ ވެހިކަލް ދުއްވުމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް (police.gov.mv/permit) މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ވަޒީފާއަށް ގޮސް އައުމާއި އެއަރޕޯޓް ޓްރާންސްފަރއާއި، ކާބޯތަކެތި ޑެލިވަރކުރުމަށް ކެފޭ، ރެސްޓޯރެންޓުތަކަށް ހުއްދަ ދޫކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މާލޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ، ފިޔަވަޅުތައް ހަރުކަށި ކުރަމުން އަންނައިރު، އިރުއޮށްސި 06:00 އިން ފަތިހު 06:00 އަށް ވަނީ ވެހިކަލް ދުއްވުން މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 04:00އަށް މަގުމައްޗަށް ނުކުމެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.