ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުގައި އިއްޔެ ކުޅުނު މެޗުގައި ޕެނެމާ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ, ކޮލަމްބިއާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފީނިކްސް ޔުނިވާސިޓީ ސަޓޭޑިއަމްގައި ކުޅުނު މެޗުގައި ކޮލަމްބިއާގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ކުޅުމެކެވެ. އެ ގޮތުނަ މެޗު ފެށިގެން އަށްވަނަ މިނެޓު ތެރޭ އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔޯން ކޯޑޯބާއެވެ.
މެޗުގެ 15 ވަނަ ކޮލަމްބިއާއިން ވަނީ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. މި ލަނޑަކީ, އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ހަމޭސް ރޮޑްރިގޭޒް ކާމިޔާބު ކުރި ލަނޑެކެވެ.
ކޮލަމްބިއާގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ލިވަޕޫލަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް, ލުއިސް ޑިއާޒް ކާމިޔާބު ކުރި ލަނޑެކެވެ. ޑިއާޒްގެ ލަނޑާއެކު ކޮލަމްބިއާ ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި ރިޗާޑް ރިއޮސް ވަނީ ލަނޑު ޖަހާ ކޮލަމްބިއާގެ ލީޑު ހަތަރު ގޯލަށް އިތުރުކޮށްފައެވެ. ކޮލަމްބިއާގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިގޭލް ބޯހާ ކާމިޔާބު ކުރި ލަނޑެކެވެ.
ފަސް ތަރީގެ ކުޅުމަކާއެކީ ކޮލަމްބިއާ ވަނީ ފަސޭހަކަމާއެކު ޕެނެމާ ބަލިކޮށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ކޮލަމްބިއާ ސެމީގައި ނިކުންނާނީ ވަރުގަދަ ބްރެޒިލް ކަޓުވާލައި ސެމީއަށް ދަތުރުކުރި އުރުގުއާއީއާ ދެކޮޅަށެވެ.
ކޮލަމްބިއާއާ އުރުގުއާއީ ބައްދަލު ކުރާ ސެމީ ފައިނަލު އޮންނާނީ 11 ޖުލައި ވާ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން ފަތިހު 5:00 ގައެވެ.