މާލެއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މާލޭގެ މަގުތަކުން ފެން ހިންދައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުން ރޭ 12:40 ހާއިރުން ފެށިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓް ޕާކު ކައިރީގެ ދެ ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައއިވާ ކަމަށެވެ.

މީގެއިތުރުން މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދާލެވުނީ ރޭ 03:45 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާ ދުވަސްވަރެކެވެ. އަދި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބައެއް ސަރަހައްދުގައި އާންމު ގޮތެއްގައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.

މީގެއިތުރުން ވޭތުވެދިޔަ ސައުވީސް ގަޑިއިރުތެރޭ ވާރޭ ރެކޯޑު ކުރެވިފައިވާ ރަށްތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެއީ 67.0 ގެ ވާރޭއެވެ.