ކޮޕީރައިޓުގެ ޙައްޤުތަކަށް ޙިމާޔަތް ލިބޭ މުއްދަތު އިތުރުކުރުމަށްޓަކައި، ކޮޕީރައިޓާއި އެއާ ގުޅުންހުރި އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފެށައިފިއެވެ.

މި އިޞްލާޙު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާއެވެ.

މި އިޞްލާޙު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ކޮޕީރައިޓްގެ ޙައްޤުތަކަށް ޙިމާޔަތް ލިބިދެވޭ މުއްދަތު މިހާރުގެ 50 އަހަރުން 70 އަހަރަށް އިތުރުކުރުމެވެ.

މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން، އުފެއްދުމެއްގެ މުޞައްނިފުގެ ޙަޔާތުގައި އަދި އޭނާ ނިޔާވުމަށްފަހު 50 އަހަރުވަންދެން އެ އުފެއްދުމަކަށް ޤާނޫނީ ޙިމާޔަތް ލިބިދެއެވެ. އަދި ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްގެ އިޤްތިޞާދީ އަދި އަޚްލާޤީ ޙައްޤުތައް، އެންމެފަހުން ދުނިޔޭގައި ހުރި މުޞައްނިފުގެ ޙަޔާތުގައި އަދި އޭނާ ނިޔާވުމަށްފަހު ފުރިހަމަ 50 އަހަރުވަންދެން ޤާނޫނުގެ ދަށުން ޙިމާޔަތްކުރެވެއެވެ.

ހުށަހެޅިފައިވާ އިޞްލާޙުތަކުގެ ތެރޭގައި، މި މުއްދަތު 70 އަހަރަށް އިތުރުކުރުމުގެ އިތުރުން، އަޑުގެ ރެކޯޑިންތަކާއި ސެޓެލައިޓް، އިންޓަނެޓް އަދި ކޭބަލް މެދުވެރިކޮށް ކުރެވޭ ބްރޯޑްކާސްޓްތަކަށްވެސް ޙިމާޔަތް ލިބިދިނުން ހިމެނެއެވެ.

މީގެ އިތުރުން، ކޮޕީރައިޓްގެ ޙައްޤެއް ރަޖިސްޓަރީކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމަށްވެސް މި އިޞްލާޙުގައި ހުށަހަޅާފައިވެއެވެ.