އައްޑޫ ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ފަށައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވެފައިވަނީ އެމަސައްކަތް ފަށައިފައިވަނީ ފެބުރުވަރީ 11 ވަނަ ދުވަހު ކަމަށެވެ. އެ މަސައްކަތް ކުރަމުންދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެންނެވެ. އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ އައްޑޫ ސިޓީގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ގެ ގޮތުގައެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި މިހާރު އޮތް މޮނިޓަރިންގ ޙާލަތާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދީ، އެ ފަރާތްތަކުގެ އަސާސީ ބޭނުންތައް ދެނެގަނެ، މި ފަދަ ޞިއްޙީ ޙާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ނަފުސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި މަސައްކަތުގެ ތެރެއިން ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ސެނިޓައިޒަރ، މާސްކް، އަންގި ފަދަ ތަކެތި ދަނީ ފޯރުކޮށްދެމުންނެވެ. އެ ގޮތުން ގާތްގަނޑަކަށް 50 ކެއަރ ޕެކޭޖަސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި އައްޑޫ ސިޓީގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނާއި ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ސިޓީ ގޮފީގެ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުވައްމުލައް ސިޓީ މޮނިޓަރިންގ ޙާލަތަށް ގެނައުމާ ގުޅިގެން އެ ސިޓީގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.