ޔޫރޯ އާއި ކޮޕާ އެމެރިކާގައި ފެންވަރުގެ ތަފާތެއް ނެތް ކަމަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

ސްކަލޯނީ މިހެން ބުނީ ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ކެނެޑާއާ ބައްދަލު ކުރާ މެޗުގެ ކުރިން މީޑިއާތަކަށް ދިން ބަސްދީގަތުމެއްގައި ރިޕޯޓަރަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

"އަހަރެން ދެކޭ ގޮތުގައި ދެ މުބާރާތުގެ ތެރެއިން ވަކި މުބާރާތެއް މޮޅުވާން މާ އުނދަގުލެއް ނޫން. ޔޫރޯގެ ސެމީ ފައިނަލުގައި އެބަތިބި އަހަރެމެން އަތުން ކުރި ނުހޯދުނު ޓީމުތަކެއް. އެހެންވެ އަހަރެން ދެކޭ ގޮތުގައި ދެ މުބާރާތުގެ މެދުގައި ފެންވަރުގެ ތަފާތެއް ނެތް" ބަސްދީގަތުމުގައި ވާހަކަދައްކަމުން ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ މިހެން ބުނެފައި މި ވަނީ, އެތައް ބަޔަކު ކޮޕާ އެމެރިކާ އާއި ޔޫރޯގެ މެދުގައި ފެންވަރުގެ ތަފާތު އޮންނަ ކަމަށް ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ.

ދެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިސްފައިވާ އިރު, ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކުރި ހަތަރު ޓީމަކީ ވެސް ފީފާގެ ރޭންކިންގްސްގެ ގަދަ ދިހައެއްގައި ހިމެނޭ ހަތަރު ޓީމެވެ. ކޮޕާ އެމެރިކާއަށް ބަލާލާއިރު އެ މުބާރާތުގެ ސެމީގައި ވާދަކުރާ ހަތަރު ޓީމުތަކުގެ ތެރެއިން, ފީފާ ރޭންކިންގްސްގެ ގަދަ ދިހައިގައި ހިމެނޭ ހަމައެކަނި ޓީމަކީ އާޖެންޓީނާއެވެ.