އައްޑޫ ސިޓީގައި ކޮވިޑް-19 ރެންޑަމް ސާމްޕަލް ނަގަން މިއަދު ފަށައިފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވީ ސާމްޕަލް ނެގުން އެއް ހަފްތާއަށް ކުރިއަށްދާނެ ކަމަށެވެ.

މިއަދު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. އައްޑޫގައި ރެންޑަމް ސާމްޕަލް ނަގަން ފަށާފައިވަނީ ކޮމިޔުނިޓީ ސްޕްރެޑެއް އޮވެދާނެ ކަމަށް ލަފާކުރެވޭތީއެވެ.

އައްޑޫ ސިޓީގައި ކޮވިޑްގެ ދެ ކްލާސްޓަރއެއް އެބައޮތެވެ. އެއީ އޭވިއޭޝަން ކްލާސްޓަރ އާއި ހުޅުދޫ/މީދޫގައި އޮތް އެމްޓީސީ ކްލާސްޓަރއެވެ. މި ދެ ކްލާސްޓަރ އިން މިހާތަނަށް ވަނީ 58 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ އޭވިއޭޝަން ކްލަސްޓަރ އިން 33 މީހަކާއި އެމްޓީސީސީ ކްލާސްޓަރ އިން 25 މީހެކެވެ.

އައްޑޫގައި މިހާރުވެސް ސަވައިލެންސް ސާމްޕަލްތަކެއް ދަނީ ނަގަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް އޭގެ އެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެފައެއް ނުވެއެވެ. މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ ކްލާސްޓަރ އާ ގުޅުންހުރި މީހުންނެވެ. މި ހާލަތުގައި ވެސް ބައެއް މީހުން ގޭގައި މަޑުނުކޮށް ބޭރުގައި އުޅެމުންދާ ކަމަށް ފާހަގަވެފައިވާ ކަމަށް އޭއީއެޗުން ވަނީ ވިދާޅުވެފައެވެ. އެކަން އެގޮތަށް ނުކުރުމަށް އެތަނުންވަނީ ނަސޭހަތްތެރިވެފައެވެ.

އޭއީއެޗުގައި މިހާތަނަށް ވަނީ 10،000 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓް ކޮށްފައެވެ.