ކޮޕާ އެމެރިކާގައި މިއަދު ކޮލަމްބިއާ އަދި އުރުގުއާއީ ވާދަކުރި ސެމީ ފައިނަލަށް ފަހު ދަނޑު މަތީގައި އުރުގުއާއީގެ ކުޅުންތެރިންނާ ކޮލަމްބިއާގެ ސަޕޯޓަރުން މާރާމާރީ ހިންގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ފެންނަ ގޮތުގައި އުރުގުއާއީގެ ދިހަ ވަރަކަށް ކުޅުންތެރިންނާ ކޮލަމްބިއާގެ ބައެއް ސަޕޯޓަރުންނާ ދެމެދު މައްސަލަ ޖެހި, މަސްރަހު ހޫނުވެ, އެކަކު އަނެކަކު ގައިގައި އަތްލާ ހިސާބަށް ވަނީ ކަންކަން ގޮސްފައެވެ.
މި މައްސަލައަށްފަހު ވާހަކަދައްކަމުން އުރުގުއާއީގެ ކެޕްޓަން ހޯސޭ މަރިއާ ހިމެނޭޒް ހާމަކުރި ގޮތުގައި އުރުގުއާއީގެ ކުޅުންތެރިން ކޮލަމްބިއާގެ ސަޕޯޓަރުންނާ މާރާމާރީ ހިންގީ, އެ ކުޅުންތެރިންގެ އާއިލާތަކަށް އެ ސްޕޯޓަރުން ފުރައްސާރަކޮށް ހަމަލާދޭން އުޅުމުން ކަމަށެވެ.
"ދަނޑު މަތީގައި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ މި އަމަލުތަކަކީ ވަރަށް ދަށު ފެންވަރުގެ އަމަލުތަކެއް. އަހަރެމެންގެ އާއިލާތަކާއެކީ ތުއްތު ކުދިން އެބަތިބި. އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެ ތަނުގައި ފުލުހެއް ވެސް ހަރަކާތްތެރިއެއް ނުވެ" ކޮލަމްބިއާގެ ސަޕޯޓަރުންނާ ޖެހުނު މައްސަލައަށްފަހު ވާހަކަދައްކަމުން ހިމެނޭޒް ބުންޏެވެ.
ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ފެނިގެންދިޔަ މި ބޭއަދަބީ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތް ކަމުގައިވާ ކޮންމެބޮލް ވަނީ ބުނެފައެވެ.