ރާއްޖޭގެ ސަރަޙައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި ކަމަށް އެމްއެންޑީ އެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓު ފެނިފައިވަނީ ހދ. ނައިވާދޫ ހުޅަނގުން 7 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އެ ބޯޓާ ބެހޭ މަޢުލޫމާތު އެމްއެންޑީއެފަށް ދީފައިވަނީ މިއަދު ހަވީރު 5:42 އެހައިކަންހާއިރު އެސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ހދ.މަކުނުދޫ "ރަންދި" ދޯންޏެވެ.

މިޚަބަރު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަން އިން ވަނީ ޙަރަކާތްތެރިވާން ފަށައިފައެވެ.

މި ހާދިސާގައި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެސްފައިވަނީ މިރޭ 19:08 އެހައިކަންހާއިރުއެވެ. އަދި ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހދ.ކުޅުދުއްފުށްޓަށް މި ބޯޓު ވަނީ މިރޭ 21:41 އެހައިކަންހާއިރު ގެންގޮސްފައެވެ.

އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް މި ބޯޓު ގެނެވުނުއިރު ބޯޓުގައި ތިބީ 6 މީހުންނެވެ. މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ބަލަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.