އިންޑިއާގެ ކެރެލާ ސްޓޭޓުގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް ރާއްޖޭގެ ކޮންސިއުލޭޓުން އިލްތިމާސްކުރެވިއްޖެއެވެ.
ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވަނީ، ސިކުނޑިއަށް ޖެހޭ ނުރައްކާރެތި ބައްޔެއް ކަމަށްވާ "ބްރެއިން-އީޓިންގ އެމީބާ އިންފެކްޝަން" އަށް ސަމާލުވުމަށް ކެރެލާގެ ޞިއްޙަތާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށެވެ.
ބްރެއިން-އީޓިންގ އެމީބާ ބަލި ޖެހެނީ ކަންފަތް ނުވަތަ ނޭފަތުން ހަށިގަނޑަށް ވަންނަ ޖަރާސީމަކުން ކަމަށްވާތީ، މި ދުވަސްވަރު ކޯރު ނުވަތަ ސްވިމިންޕޫލްފަދަ ތަންތަނަށް ނޭރުމަށް ކޮންސިއުލޭޓުން އިލްތިމާސްކޮށްފައިވެއެވެ. އަދި މިފަދަ ތަންތަނށް އެރޭނަމަ ކަންފަތާއި ނޭފަތަށް ފެން ނުވަންނާނެ ގޮތަށް ކަންފަތު އުނގުރި އަދި ނޭފަތު ކްލިޕް ފަދަ ތަކެތި ބޭނުންކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ކޮންސިއުލޭޓުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އިންފެކްޝަންގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިއްސުން، ހޮޑުލެވުން، ކަނދުރާއަށް ނާރު އެރުމާއި، ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަން ހިމެނެއެވެ.
މިފަދަ އެއްވެސް އަލާމާތެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ކެރަލާ ސްޓޭޓަށް ދަތުރުކުރާ ދިވެހިންވެސް މިކަމަށް ސަމާލުވުމަށް ބަޔާނުގައި އެދިފައިވެއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކެރެލާއިން މި ބަލީގެ ފަސް ކޭސް ވަނީ ފާހަގަކުރެވިފައެވެ.
ތިޔާ ތަނަކީ އަހަރުމެންގެ އާއިލާތައްގޮސްއުޅޭތަންތަން ވީމާ ހުރިހާ އެންމެންވެސް ސަމާލުކަންދީގެން އުޅުމަކީ ވަރަށް މުހިއްމުކަމެއް އިނގޭ ބަސްއައިގެން އުޅޭތި ހުރިހާ ކުދިންވެސް