ޔޫރޯގެ ފައިނަލުގައި މޮޅުވާނެ ފެވެރިޓެއް ނެތް ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފޮންޓޭ ބުނެފިއެވެ.

ކުރިއަށް އޮތް ޔޫރޯގެ ފައިނަލުގައި ސްޕެއިން އަދި އިނގިރޭސި ވިކާތް ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަދައްކަމުން ފޮންޓޭ ބުނި ގޮތުގައި ފައިނަލުގައި އޮތް ދެ ޓީމުގެ މެދުގައި ފެންވަރުގެ އެއް ވެސް ތަފާތެއް ނެތެވެ. ފައިނަލުން މޮޅުވާނަމަ ޔޫރޯގެ ކުރީ މެޗުތަކުގައި ދެއްކި ކުޅުމަށްވުރެ މޮޅު ކުޅުމެއް ސްޕެއިންއިން ދައްކަން ޖެހޭ ކަމަށް ވެސް ފޮންޓޭ ފާހަގަކުރިއެވެ.

"މި ފައިނަލަކީ ވަރަށް ހަމަހަމަ ދެ ޓީމުން ވާދަކުރާ ފައިނަލެއް. އިނގިރޭސި ވިލާތުގެ ކުރިމަތީގައި އަހަރެމެން އެބަ ޖެހޭ މުބާރާތުގެ ކުރީ މެޗުތަކުގައި ދެއްކި ކުޅުމަށްވުރެ ފުރިހަމަ ކުޅުމެއް ދައްކަން. އެހެން ނޫނީ މޮޅުވުމުގެ އެއް ވެސް ފުރުސަތެއް ނެތް. މި ފައިނަލުން މޮޅުވާނީ އެންމެ މަދުން މިސްޓޭކު ހަދާ ޓީމެއް. އެހާ ކުޑަކުޑަ ފަރަގަކުން އަބަދު ވެސް މިހާ ވާދަވެރި މެޗުތައް ނިމިގެންދާނީ" ކުރިއަށް އޮތް ފޯރިގަދަ ފައިނަލާ ބެހޭ ގޮތުން ފޮންޓޭ ބުންޏެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފެށިގެންއައި އިރު ސްޕެއިން މުބާރާތުގެ ފައިނަލާ ހަމައަށް ވާސިލުވާނެ ކަމަށް ފުޓުބޯޅަ ދުނިޔޭގެ ގިނަ ފަރާތްތަކުން ލަފައެއް ނުކުރެއެވެ. ނަމަވެސް މުބާރާތް ފެށިގެން ފޮންޓޭގެ އިރުޝާދުގެ ދަށުން ސްޕެއިންއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޒުވާން ސްކޮޑަކާއެކު ޖާދޫވީ ފުޓުބޯޅައެއް ކުޅެމުން އަންނަ ސްޕެއިންއަކީ މިހާރު ފައިނަލުން މޮޅުވުމަށް އެންމެ ފުރުސަތު ބޮޑު ޓީމުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އިނގިރޭސި ވިލާތާ ދެކޮޅަށް ސްޕެއިންއިން ނިކުންނަ ފައިނަލު އޮތީ މިރޭ ދަންވަރު 00:00 ގައެވެ.