ހުޅުމާލޭގައި "ހިޔާ" މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައި މައްސަލައެއް އުޅޭނަމަ އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އޭގެ ތެރޭގައި އަޅުގަނޑު ވެސް ގަބޫލުކުރަން ހަމަ [ފްލެޓް] ހައްގުވާ އެތައް ބަޔަކަށް ނުލިބި ހުރުމަކީވެސް އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އެޔަށް ހައްލެއް ހޯދުމަކީ ސަރުކާރުން ކުރާނެ ކަމެއް. މައްސަލަތަކެއް ހުރި ކަމަށް ވަންޏާ އަދިވެސް އިތުރަށް ސާފުކޮށް ބެލުމަށްފަހުގައި އަޅުގަނޑުމެން އޭގެ ހައްގު ފަރާތްތަކަށް އެ ފްލެޓުތައް ދޫކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ކަމަށާއި އެ މަޝްރޫއުތައް ނިމޭއިރު، ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑުތަނުން ހައްލު ލިބިގެންދާނެ ކަމަށެވެ.

މި ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރާ 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މެއި މަހު ފެށޭނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

އަތޮޅުތަކުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި 300 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.