މިއަދުގެ ނިޔަލަށް އައްޑޫ ސިޓީއިން ޖުމްލަ 1369 މީހަކަށް ކޮވިޑް ވެކްސިން ދީފިއެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މިއަދު އެކަނިވެސް ވަނީ 176 މީހަކަށް ވެކްސިން ދީފައި ކަމަށެވެ. އެއީ ހިތަދޫ އިން 110 މީހުންނާއި، ހުޅުދޫ/މީދޫ އިން 33 މީހުންނާއި ފޭދޫއިން 33 މީހެކެވެ.

އައްޑޫ ސިޓީއިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް ވަނީ 60 މީހުން ޕޮޒިޓިވްވެފައެވެ. އެއީ އެމްޓީސީސީ ކްލާސްޓަރ އިން 25 މީހަކާއި އޭވިއޭޝަން ކްލާސްޓަރ އިން 35 މީހުންނެވެ. އޭގެ ތެރެއިން 5 މީހަކު އެޑުމިޓް ކުރިއެވެ. އެހެންނަމަވެސް ތިން މީހަކު މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސީރިއަސް މީހަކު ނެތެވެ.

އައްޑޫ އޭވިއޭޝަން ކްލާސްޓަރއިން މިހާތަނަށް ވަނީ 341 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިއެވެ. ފާއިތުވި 24 ގައިރު ތެރޭ ވަނީ 98 ސާމްޕަލް ވަނީ ނަގައިފައެވެ.

އައްޑޫގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް މިއަދު ވަނީ ރެންޑަމް ސާމްޕަލް ނަގަން ފަށައިފައެވެ. އައްޑޫއިން ކޮވިޑް ފެނުނު ފަހުން އެސިޓީގައި ވަނީ 185 ތަނެއް ކަރަންޓީން ކޮށްފައެވެ.