ކޮލަމްބިއާގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް ރަމޯން ހެސުރޫން ހައްޔަރުކޮށްފިއެވެ.
71 އަހަރުގެ ރަމޯން ހައްޔަރުކުރީ އިއްޔެ ކުރިއަށްދިޔަ ފޯރިގަދަ ކޮޕާ އެމެެރިކާގެ ފައިނަލުގެ މެޗަށް ފަހު އެ ސަރަހައްދުގެ އިންތިޒާމުތައް ބެލެހެއްޓުމަށް ހަރަކާތްތެރިވި ފަރާތަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައެވެ. ރަމޯންއާއެކު އޭނާގެ ދަރި ރަމޯން ހަމިލް ހެސުރޫން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިއާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މެޗުގައި ރަމޯން އާއި އޭނާގެ ދަރި ހައްޔަރު ކުރުމަށްފަހު, ޓާނާ ގިލްފޯޑް ނައިޓް ކަރެކްޝަނަލް ސެންޓާއަށް ވަނީ ގެންގޮސްފައެވެ. ހޯމަ ދުވަހު ފަނޑިޔާރަކު އެ ދެ މީހުންނަށް ކަނޑައެޅި 3000 ޑޮލަރުގެ ފައިސާގެ އަދަދު ދެއްކުމަށް ފަހު މިހާރު އެ ދެ މީހުން ވަނީ މިނިވަންވެފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ރިޕޯޓުގައި ހާމަކުރާ ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ, އެ ސަރަހައްދު އިންތިޒާމު ކުރަން އުޅުނު ފަރާތްތަކުގެ އިތުރުން ބައެއް ސެކުއިރިޓީ ގާޑުންނަށް ހަމަލާ ދިނުމުންނެވެ.
މަސްރަހު ހޫނުވެގެންދިޔަ ކޮޕާ އެމެރިކާގެ ފައިނަލުގައި ފުލުހުން ވަނީ ޖުމްލަ 27 ފަރާތަކު ހައްޔަރުކޮށްފައެވެ. މެޗު ފެށުމުގެ ކުރިން, ޓިކެޓު ނެތި ދަނޑަށް ވަންނަން ބައެއް ސަޕޯޓަރުން މަސައްކަތް ކުރުމުން މެޗު ވަނީ ފަސްކުރަން ވެސް ޖެހިފައެވެ.