މިޔަންމާގެ ވެރިކަމަށް އަތްގަދަ ކޮށްފައިވާ އަސްކަރީން، މިޔަންމާގެ ސިޓީތަކުގެ މަގުތަކަށް ބަރު ހަތިޔާރު ނެރެފިއެވެ.

އެގޮތުން، ބޮޑުބަޑިއާއި، އެނޫންވެސް އަސްކަރީ ހަތިޔާރުވަނީ މަގުތަކަށް ނެރެފައެވެ.

މިޔަންމާގެ އަސްކަރީން މަގުތަކަށް ބަރުހަތިޔާރު މި ނެރުނީ، އަސްކަރީ ބަޣާވާތާ ދެކޮޅަށް މިޔަންމާގެ އާންމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ހުއްޓާލުމަށް އަސްކަރީން އެތައް އިންޒާރުތަކެއްދީ އަދި އެތައްބަޔަކު ހައްޔަރު ކުރުމުންވެސް މުޒާހަރާތައް މަޑުޖެހުމަކަށް ނައުމުންނެވެ.

މަދަނީ ސަރުކާރާ ވެރިކަން ހަވާލު ކުރުމަށާއި، އަންގް ސަން ސޫކީ މިނިވަން ކުރުމަށް ގޮވާލައި އާންމުން މަގުތަކުގައި މުޒާހަރާ ކުރަމުންދާތާ 9 ދުވަސް ވެފައި ވާއިރު، އަސްކަރީން އަނެއްކާވެސް ތައްޔާރުވަމުންދަނީ މުޒާހަރާ ކުރާ މީހުން ހައްޔަރު ކުރުމަށް ކަމުގެ ބިރު އުފެދިފައި ވެއެވެ.

މިޔަންމާގެ އެކި ރަށްތަކުގައި ހުންނަ އިންޖީނުގެތައް ކައިރިއަށް ސިފައިން ޖަމާވުމުން، އާންމުންވެސްވަނީ އެ ތަންތަނަށް އެއްވެ ސިފައިންނާ ކުރިމަތިލާފައެވެ.

މުޒާހަރާ ކުރާ މީހުން ބުނަނީ، ސިފައިން މަސައްކަތް ކުރަނީ ކަރަންޓު ކަނޑާލަން ކަމަށެވެ.

މިކަމުގެ ކުރިމަތިލުންތަކުގައި ކާޗިން ސްޓޭޓްގެ ވެރިރަށުގައި ހުންނަ އިންޖީނުގެ ކައިރީގައި ހިނގި ކުރިމަތިލުންތަކުގައި ސިފައިންވަނީ ވައިގެތެރެއަށް ބަޑިވެސް ޖަހާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިޔަންމާގެ ބޮޑެތި ހުރިހާ ރަށްތަކުގެ މަގުތަކަށް ސިފައިން މިހާރުވަނީ ހަތިޔާރާއެކު ނުކުމެފައެވެ.

އަނެއްކޮޅުން، މިޔަންމާގައި ހުންނަ އީޔޫ، ޔޫކޭ، ކެނެޑާ އަދި އެހެން 11 ގައުމެއްގެ އެމްބަސީންވަނީ ބަޔާންތައް ނެރެ، މުޒާހަރާ ކުރަމުންދާ އާންމުންނާ ދެކޮޅަށް ހަމަނުޖެހުން ނުހިންގުމަށާއި، ބާރުގެ ބޭނުން ނުކުރުމަށް އިންޒާރުކޮށްފައެވެ.