ރ. އަލިފުށީގައި އަލިފާނުގެ ހާދިސާތަކާގުޅޭ ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ އަލިފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަނުގައި، ގޭތެރޭގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ކައްކާ ގޭސް ރައްކާތެރިކޮށް ބޭނުންކުރުމަށް ސަމާލުކަން ދިނުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވަނީ މައުލޫމާތުދީފައެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފި ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ މައްޗަށް ވެސް މި ސެޝަނުގައި އަލިއަޅުވާލައިފައިވެއެވެ.

އަލިފުށި ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ރަށުގެ ހުރިހާ މުއައްސަސާއެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ސެޝަނުގައި މައުލޫމާތުދެއްވީ އެމް.އެން.ޑީ.އެފްގެ ސަރޖަންޓް ފަސްޓް ކްލާސް ޝާހީން މުޙައްމަދުއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިފަދަ ސެޝަންތަކުގެ މަގުސަދަކީ ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކޮށް, އެ ފަދަ ހާދިސާތަކުން ރައްޔިތުން ރައްކާތެރިކޮށް, އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އެ ހާލަތުގައި ކަންކަން ކުރާނެ ގޮތް އާއްމު ރައްޔިތުންނަށް ދަސްކޮށްދިނުމެވެ.