ކޮރޯނާ ވައިރަސް ފެތުރުމުގެ އަސްލު ބެލުމަށް ޗައިނާއަށް ދަތުރުކުރި ޑަބްލިއު.އެޗް.އޯގެ މިޝަންއިން އެމީހުންނަށް ފާހަގަ ކުރެވުނު ބައެއް ހަގީގަތްތައް ހާމަކޮށްފިއެވެ.
އެ މިޝަން އިން ލަފާކުރާގޮތުގައި 2019 ވަނަ އަހަރު ވެސް ކޮރޯނާ ވަރަށް ބޮޑަށް ވޫހާންގައި ވަނީ ފެތުރިފައެވެ. އެކަމުގެ ހެކިވެސް އެމީހުންގެ އަތުގައި އެބަހުރި ކަމަށް އެ މިޝަން އިން ބުނެފައިވެއެވެ. އެޓީމުން ލަފާކުރާ ގޮތުގައި މިހާރު ބެލެވިފައިވާ މިންވަރަށްވުރެ މާބޮޑަށް 2019 ވަނަ އަހަރު ޑިސެމްބަރުގައި ވުހާން ގައި ވަނީ ކޮވިޑް ފެތުރިފައެވެ.
ޑަބްލިއު.އެޗް.އޯގެ ޓީމުން ބުނެފައިވަނީ އެޓީމަށް ތަހުލީލު ކުރުމުގެ ފުރުޞަތު ލިބިފައިނުވާ ލޭގެ އެތައްހާސް ސާޕަލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޑަބްލިއު.އެޗް.އޯގެ މިޝަންގައި އެންމެ އިސްކޮށް ހުންނެވި ޕީޓަރ ބެން އެމްބާރކް ސީއެންއެންއަށް މަޢުލޫމާތު ދެއްވިގޮތުގައި އެބޭފުޅުންގެ އިންޓަވިއުތައް ވަނީ ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދެވިފައެވެ. އިންޓަރވިއުތަކުން ފާހަގަ ކުރެވިފައިވަނީ ބަލިމަޑުކަން ވަރަށް ފުޅާކޮށް ފެތުރުނު ކަމަށާއި އަދި ބާރައަށް ވުރެ ގިނަ ވައްތަރުގެ ސްޓްރެއިންސްގެ ވައިރަސް ޑިސެމްބަރު މަހު ވުހާންގައި ފެތުރެމުން ދިޔަކަން ވެސް އެނގިފައިވާ ކަމަށް އެޓީމުން މައުލޫމާތު ދެއްވިއެވެ. ޗައިނާގެ މަސްއޫލުވެރިން ވިދާޅުވެފައިވާ ގޮތުގައި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް ޖެހުނު ކަމަށް ފާހަގަ ކުރެވިފައިވަނީ އެގައުމުގެ ރައްޔިތެއް ކަމަށްވާ އުމުރުން 40 އަހަރުގެ މީހެކެވެ. އެކަން ފާހަގަ ވެފައިވަނީ ޑިސެމްބަރު އަށް ވަނަ ދުވަހު އެވެ. އޭނާއަނީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހެކެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އޮފީހެއްގައި ކަމަށް ވެސް ބުނެފައިވެއެވެ.
މިއީ އެހެން ޤައުމުތަކުގެ ސައިންޓިސްޓުންގެ ކަންބޮޑުވުމަށް ބާރު ލިއްބައިދޭ ހޯދުމަކަށް ވުންއެކަށީގެންވެއެވެ. އެއީ 2019 ޑިސެމްބަރު މަހުގެ މެދުތެރެއަށް ވުރެ މާކުރިންވެސް ޗައިނާގައި މިވައިރަސް ފެތުރެމުން ދިއުން ކަމަށް ވެސް އެޓީމުން ބުނެފައިވެއެވެ. ޗައިނާއަށް ކުރެއްވި ދަތުރު ނިންމަވާ ލެއްވުމަށްފަހު ވަރަށް ފަހުން ސްވިޓްޒަލޭންޑަށް ވަޑައިގަތް އެމްބާރކްސީއެންއެންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައިވެސް ވުހާންގައި ވަރަށް ފުޅާކޮށް މިވައިރަސް ފެތުރެމުން ގޮސްފައިވާ ކަމަށެވެ. އެއީ އަލަށް ލިބުނު މަޢުލޫމާތެކެވެ.
ޑަބްލިއު.އެޗް.އޯގެފުޑް ސޭފްޓީ ސްޕެޝަލިސްޓް ވިދާޅުވިގޮތުގައި ޑިސެމްބަރު 2019 ގައި ވުހާން ސަރަހައްދުން ކޮރޯނާ ވައިރަސްއަށް ނައްސިވި 174 ބަލީމީހެއްގެ ލޭގެ ސާޕަލް ވަނީ ބަލާލަން ލިބިފައެވެ. އަދި ބަލީގެ އަލާމާތް ހުރެގެން ކްލިނިކްތަކަށް ދެއްކި އިތުރު 74 މީހެއްގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. އެމްބާރކް ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މިބަލީގެ ސީރިއަސް ކޭސްތައް ޑޮކްޓަރުންނަށް ފާހަގަވުމުގެ ކުރިން 1000 ވުރެ ގިނަ މީހުނަށް ޑިސެމްބަރު މަހުގެތެރޭ ބަލިޖެހިފައި ވެދާނޭކަމަށް ލަފާ ކުރައްވައެވެ.
އެމްބާރކް ވިދާޅުވިގޮތުގައި އެބޭފުޅުންގެ މިޝަންގައި ހިމެނުނީ ޑަބްލިއު.އެޗް.އޯގެ 17 ސައިންޓިސްޓުންނާއި ޗައިނާގެ 17 ސައިންޓިސްޓުންނެވެ. އޭގެ ތެރެއިން ޗައިނާގެ ސައިންޓިސްޓުން ވަނީ އެބޭފުޅުން ވައިރަހާ ބެހޭގޮތުން ކުރެއްވި ތަހުލީލްތައް ފުޅާކުރެއްވާއި ޑިސެމްބަރުގެ ކުރީކޮޅު ބަލިޖެހުނުމީހުންގެ ސާޕަލްވެސް ބައްލަވައިފައެވެ. މިގޮތުން ވައިރަސްގެ ޖެނެޓިކް ސާޕަލްތަކުން ފާހަގަ ކުރެވުނީ ސާސް-ކޮވް-2 ވައިރަސްގެ ތަފާތު 13 ވައްތަރުގެ ޖެނެޓިކް ސީކުއެންސެވެ. އަދި މި ވައްތަރުތައް ބަލިމީހުންނާ ގުޅޭ އިތުރު މަޢުލޫމާތުތަކާއެކު ދިރާސާ ކުރެވިއްޖެނަމަ ޑިސެމްބަރު 2019 ގެ ކުރިން ބަލިފެތުރުނު ސަރަހައްދާއި ދުވަސް ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެމްބާރކް ވިދާޅުވި ގޮތުގައި ބައެއް މީހުންނަކީ ވުހާން ސީފުޑް މާރުކޭޓަށް ނިސްބަތްވާ މީހުން (ބަލި ފެތުރުމުގެ އަސްލުކަމުގައި ގަބޫލުކުރެވިފައިވާ) ކަމުގައިވިޔަސް އަނެއްބައި މީހުންނަކީ ވުހާން ސީފުޑް މާރުކޭޓާ އެއްވެސް ގުޅުމެއް ނެތް މީހުންނެވެ.
ވައިރަސްގެ 13 އަށްވުރެ ގިނަ ވޭރިއަންޓް ފެނިފައިވުމުން ވައިރަހުގެ ތާރީޚާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެމްބާރކް ފަސްޖެހިވަޑައިގަތެވެ. ވައިރަހުގެ މިހާގިނަ ވޭރިއަންޓް ފެނުމުން ދޭހަވަނީ މިވައިރަސް ޖަނަވާރުން ނުވަތަ އިންސާނުންގެ ތެރޭގައި ފެތުރޭތާ މަސްދުހަށް ވުރެ އިތުރުވެފައިވުން ކަމަށް ވެދާނެއެވެ. އޮސްޓްރޭލިއާގެ ޔުނިވަރސިޓި އޮފް ސިޑްނީގެ ޕްރޮފެސަރ އެޑްވަރޑް ހޯމްސް ވިދާޅުވަނީ "ސާސް-ކޮވް-2 ގެ އެހާ ގިނަ ޖެނެޓިކް ވޭރިއަންޓްސް ފެނުމުގެ މާނައަކީ މަހަކަށްވުރެ ގިނަދުވަހު ވައިރަސް ފެތުރެމުން ދިޔަކަމެވެ".
އެމްބާރކް ވިދާޅުވިގޮތުގައި ކޮވިޑް19 ގެ އަލާމާތްތައް ހުރިކަމަށް 2019 ވަނަ އަހަރުގެ މެދުތެރޭ ޝައްކުކުރެވުނު 92 މީހުންގެ ތެރެއިން 68 މީހެއްގެ އެންޓިބޮޑީ ޓެސްޓް ވަނީ ހުސްވި ޖަނަވަރީ މަހު ހަދާފައެވެ. ނަމަވެސް އެ ހުރިހާ މީހުންވެސް ވަނީ ނެގެޓިވް ވެފައެވެ. އެހެނަސް ސުވާލަކީ ކޮވިޑް19 ގެ އެންޓި ބޮޑީ އިންސާނެއްގެ ހަށިގަނޑުގައި ހުންނާނީ ކިހާދުހަކު ހެއްޔެވެ؟ އެހެން ކަމުން މިކަމަށް އިތުރު ޓެސްޓްތައް ހަދަން ބޭނުންވެއެވެ. އެމްބާރކް އިތުރަށް ވިދާޅުވިގޮތުގައި މާދުރުނޫން މުސްތަޤްބަލެއްގައި އެނބުރި ވުހާންއަށް އެނާއާއި ޓިމު ދިއުމުގެ އުންމީދު ކުރެވޭ ކަމަށެވެ. އަދި ޗައިނާއިން ދެމުންގެންދާ ފުރިހަމަ އެއްބާރުލުން އޭނާ ފާހަގަ ކުރެއްވިއެވެ. އިތުރު ތަހުލީލުތަކަށް ޑަބްލިއު.އެޗް.އޯއަށް އެއްބަރުލުން ދޭނެކަމުގެ ޔަޤީންކަން ޗައިނާއިން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅިވިއެވެ. އެހެންކަމުން އިތުރު ސާޕަލްތައް ބަލާ ބައިލޮޖިކަލް ޓެސްޓްތައް ހަދަން ގަސްތުކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.
ދަތުރުފަތުރުގައި މިހާރު އޮންނަ ކަރަންޓީނާއި އިޖުތިމާއީ ގައިދުރުކަމުގެ ސަބަބުން ބޭނުންވާ ބާރުމިނުގައި ކަންކަން ކުރިއަށް ނުގެންދެވުމުގެ ކަންބޮޑުވުން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. އެމްބާރކް ވިދާޅުވި ގޮތުގައި އެބޭފުޅުން އިތުރު ބަޔޮލޮޖިކަލް ޓެސްޓް ހަދަން ބޭނުންވާ ދެ ލައްކައެއްހާ ސާޕަލް އެބަހުއްޓެވެ. ނަމަވެސް މިކަންކުރުމަށް ވަރަށްގިނަ ޓެކްނިކަލް ގޮންޖެހުމާ ދިމާވާނެއެވެ. ސަބަބަކީ ބައެއް ސާޕަލްތަކުގެ ކުޑަކަމާއި އަދި ބައެއް ސާޕަލް މިހާރު އެ ނެގި ބޭނުން ކެނޑުމުން ނައްތާލާފައި ވުން ހިމެނެއެވެ.