ދިވެއްސަކާ ކައިވެނިކޮށްގެން، ހަށިވިއްކާ ނެޓްވޯކެއް ހިންގި ބިދޭސީއަކު އަތުލައިގެންފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިހެން ބުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ، އެ ނެޓުވޯކުގެ އިސް މީހާ ވެސް އަތުލައިގަނެ ޑީޕޯޓުކޮށްލާފައިވާ ކަމަށާއި އެއީ އާރިފް ކަމަދާރީ ކިޔާ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
އަދި 2019 އިން ފެށިގެން މި ބިދޭސީ މީހާ ފޮނުވާލުމާ ހިސާބަށް 23 އަންހެނަކު ދިވެހިރާއްޖެ އެތެރެކޮށް ހަށިވިއްކުމުގެ ކަންކަމުގައި ގެންގުޅެފައިވާ ކަމަށާއި މި ނެޓުވޯކުގައި ބައިވެރިވާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، މިހާރު ވަނީ ޑިޕޯޓުކޮށްލައިފައި ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭނެ ޖުމުލަ 65 ބިދޭސީން އަތުލައިގަނެ ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.