ރާއްޖެއިން މިހާތަނަށް 38،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 5485 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 38،591 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 31،322 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 7170 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި ރިސޯޓުތަކުން 99 މީހަކަށް ވެސް ވަނީ ވެކްސިން ދީފައެވެ.

މާލޭ ސަރަހައްދުގެ 8 ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، އަތޮޅުތެރޭގެ 48 ތަނަކުން ވެކްސިން ދިނުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.